Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

32 މިލިއަނަށް ނުވިކޭނެ މެމްބަރަކު މަޖިލީހުގައި ހުރެދާނެތަ؟

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހިމް ފަލާހު ގަތުމަށް އޭނާއަށް 32 މިލިއަން ރުފިޔާ ހުށަހެޅި ވާހަކަ އަށް މަޖްލިސްގެ ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ ރިޔާޒު ރަޝީދު ނުސީދާކޮށް ފާޑު ވިދާޅުވެއްޖެ އެވެ.

ރިޔާޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ އެއްޗެކަށް ވެސް އަގެއް އޮންނަ ކަމަށާއި 32 މިލިޔަނަށް ނުވިކޭ މަޖިލީހުގެ މެންބަރަކު ހުރެދާނެތޯ ސުވާލު ކުރައްވާފައެވެ.

ރިޔާޒު ވިދާޅުވީ ކޮންމެ މީހަކު ރިޝްވަތު ހުށަހެޅުއްވި ނަމަވެސް އެކަން ހަބަރަކަށް ހެދުމުގެ ބަދަލުގައި ކަމާއި ބެހޭ އިދާރާތަކަަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ ފޮޓޯ އަކާއި އެކު ރިޔާޒު ޓްވީޓް ކުރައްވައި ވިދާޅުވީ މިފަދަ ކަންކަމަކީ 17 ވަނަ މަޖްލިސްއިން ފެށިގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ފަލާހުއަށް ރިޝްވަތު ހުށަހެޅުއްވިކަމަށް އެމަނިކުފާން ވިދާޅުވެފައިވަނީ މީގެ ތިން ދުވަސް ކުރިން ޕީޕީއެމްއިން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަލާހުގެ އެވާހަކަތައް ތަހްގީގު ކުރުމަށް ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒުވެސް ވަނީ ގޮވާލައްވާފައެވެ.