Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

"ފިތުނަވެރިންގެ ރޭވުންތަކުން ގައުމު ސަލާމަތް ކުރުމަކީ ވާޖިބެއް"

ފިތުނަވެރިންގެ ރޭވުންތަކުން ގައުމާއި ރައްޔިތުން ހިމާޔަތް ކުރުމަކީ ގައުމީ ވާޖިބެއް ކަމަށް އިކޮނޮމިކްސް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބްގެ ފަރާތުން ދުސްތޫރީ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނިކޮށް ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިތުނަވެރިންގެ ރޭވުންތަކުން ގައުމާއި ރައްޔިތުން ހިމާޔަތް ކުރުމަކީ ގައުމީ ވާޖިބެއް ކަން ސްޕްރީމް ކޯޓުން މީގެ ކުރިންވެސް ސާބިތު ކަމާއިއެކު ދައްކަވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލިސްއަށް ހުށަހަޅާފައިވާ އިރު އެމައްސަލަ އާއި ގުޅިގެން މަޖްލިސްގައި ސަރުކާރު ހިންގާ ޕާޓީން ދަމަހައްޓަމުން އައި މެޖޯރިޓީ މިދިޔަ ހަފްތާ ތެރޭގައި މަޖްލިސްއަށް ވަނީ ގެއްލިފައެވެ. އަދި އެއާއި އެކު ކުއްލި ދުސްތޫރީ މައްސަލައެއް މިވަނީ ސްޕްރީމް ކޯޓަށް ހުށަހެޅިފައެވެ.

ބަންޑާރަ ނައިބް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައިވަނީ މަޖްލިސް މެމްބަރުންގެ ޕާޓީ ބަދަލު ކުރުމުން އެ މެމްބަރެއްގެ މަޖްލިސް ގޮޑި ގެއްލޭގޮތަށް ކަނޑައަޅައި ދިނުމަށެވެ.