ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ދައުލަތުން ހުށައެޅި ގޮތަށް ހުކުމްކޮށްފައި ވަނީ މިއަދު ހަވީރު ބޭއްވި ކުއްލި އަޑު އެހުމެއްގައެވެ.
ބެންޗްގައި ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވަނީ އެންޓި ޑިފެކްޝަން ލޯއެއް އެކުލަވާލަންދެން ޕާޓީ ބަދަލުކުރާ މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް މިމައްސަލަ ހުށައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ޕާޓީން ވަކިވެފައިވަނިކޮށެވެ.
މިއަދު ބޭއްވު ކުއްލި ބައްދަލުވުމުގައި ހުކުމް އިއްވާފައިވަނީ 30 އަށްވުރެ ގިނަ މެމްބަރުން މައްސަލައަށް ތަދައްޚުލުވާން އެދިފައިވަނިކޮށެވެ. ނަމަވެސް އެއިން އެއްވެސް މެމްބަރަކަށް ކޯޓުންވަނީ އެފުރުސަތު ނުދީ މައްސަލަ ނިންމާފައެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުއްވި މި މައްސަލަ ސްޕްރީމް ކޯޓުން ނިންމީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްްމަދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނި ވަޑައިގަންނަވާ ބެންޗަކުންނެވެ.
ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ މިއަދުން ފެށިގެން ޕާޓީ ބަދަލު ކުރާ މެންބަރުންނާއި ޕާޓިން ވަކި ކުރާ މެންބަރުން އަދި ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި އިލެކްޝަންސް ކޮމިޝަނުން އެ މެންބަރަކު ޕާޓީން ވަކިވިކަން ރަސްމީކޮށް މަޖިލީހަށް އަންގާ ވަގުތުން ފެށިގެން ގެއްލޭނެ ކަމަށާއި އަދި އިންތިހާބުތަކާއި ބެހޭ ގާނޫނުތަކުގައިވާ ގޮތުގެ މަތިން އެ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށެވެ.
ތަފްސީލު އަންނަނީ..