Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ރިލްވާންގެ މައުލޫމަތެއް އަދީބަށް އެނގޭ ނަމަ ހިއްސާކޮށްދީ: އާއިލާ

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދެއްވުމަށް އާއިލާގެ ފަރާތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ކައިރިން އެދިއްޖެއެވެ.

މިއަދު ރިޟްވާނުގެ އާއިލާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޟްވާނު ވީނުވީއެއް ނޭނގި ގެއްލިފައިވާތާ ތިން އަހަރު ވެގެންދާއިރު ދިވެހި ފުލުހުންގެ ފަރާތުން އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

އަދި ކުރީގެ ނައިބު ރައީސްގެ ހައިސިއްޔަތުން ރިޟްވާނަށް ވީގޮތެއް އެނގޭނަމަ އެމައުލޫމާތު ހިއްސާކޮށްދެއްވުމަށް އާއިލާއިން ވަނީ އަދީބުގެ ކައިރިން އެދިފައެވެ.

"މިކަމުގެ މައުލޫމާތު ފުލުހުންނަށް ހޯދިފައި ނުވާ އިރު، ވަކިވަކި ފަރުދުންނަށް ވެސް އަޅުގަނޑުގެ ދަރިފުޅާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ވީ އެންމެ އަވަހަކަށް އާއިލާއާ ހިއްސާ ކޮށްދިނުމަށް ވެސް އެދެމެވެ. ދައުލަތުގެ އިސް ވެރިންނާއި ވަކިން ޚާއްސަކޮށް އެ ދުވަސްވަރު ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު އަހްމަދު އަދީބަށް އަޅުގަނޑުގެ ދަރިފުޅާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާ ނަމަ، އެކަން ލަސްނުކޮށް އަޅުގަނޑާ ހިއްސާ ކޮށްދެއްވުމަށް އެދި ވަރަށް އާދޭހާއެކު އެދެމެވެ،"

މީގެ ކުރިންވެސް ސޯޝަލް މީޑިޔާގައި ރިޟްވާން ގެއްލުވާލުމާއި ކުރީގެ ނައިބު ރައީސް އަދީބާއި ގުޅުމެއް ވާކަމަށް ވަރަށް ބޮޑަށް ވާހަކަ ދެކެވިފައިވެއެވެ. ނަމަވެސް އަދީބުވަނީ އެކަމަށް އޭރު އިންކާރުކޮށްފައެވެ.

ތިން ހުކުމެއް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަދީބު ވަނީ ކާނަލް ނާޒިމް ފްރޭމްކުރެވިފައިވާ ކަމަށް ޖަލުގައި ހުރެ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައެވެ.