ސައިކަލާ އެކު ރޭ ބަހުގެ ދަށުގައިވެ، ސީރިއަސް ޒަހަމްތަކެއް ލިބުނު މުހައްމަދު ޝިފާޒް (ޓޮޕީ) އަށް އިތުރު ފަރުވާ ދިނުމަށް މިއަދު މެންދުރު ފަހު މާލެ ފޮނުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ޓޮޕީ، 22، ބަހުގަަި ދަށުގައިވެ، އޭނާގެ ބޮލަށާއި ބުރަކައްޓަށާއި ފައިގެ އިތުރުން ވެސް ހަށިގަނޑުގެ ގިނަ ގުނަވަންތަކަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެތަނުގެ އޮފިޝަލަކު ވިދާޅުވީ ރޭ 10:20 އެހާކަށްހާ އިރު ހިނގި ހާދިސާ އާ ގުޅިގެން ޓޮޕީ އަށް ހޮސްޕިޓަލަށް ގެންގޮސް އަައިސީޔޫގައި މިހާރު ވެސް ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށެވެ. އަދި އޭނާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ފުރުވާލަން ހަމަޖެހިފައި ވަނީ މެންދުރު 12:45 އެހާކަށްހާ އިރު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ޓޮޕީގެ ހަށިގަނޑުގެ ވަރަށް ގިނަ ގުނަވަންތަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ އޮތީ ހޭނެތިފައި ނޫން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ޓޮޕީ އެކްސިޑެންޓްވީ އޭނާ މަރަދޫން ހިތަދު އަށް ސައިކަލުގައި ދަނިކޮށް، ލިންކް ރޯޑް ކުނިކޮށި ސަރަހައްދުގައި ފުލުހުން ބެރިކޭޑް ޖަހައި، ޗެކްޕޮއިންޓެއް ހަދާފައިވާ ތަން ފެނިގެން އަނބުރާލާފައި އައިކޮޅަށް ބާރު ސްޕީޑްގައި ދަނިކޮށް ހިތަދު އަށް ދިޔަ ބަހުގެ ދަށުގައިވެފަ އެވެ.
އެ ބަހަކީ ޝަންގްރިއްލާގެ މުވައްޒަފުން އުފުލާ ބަހެކެވެ. މި ހާދިސާގައި ބަހުގެ ކުރީކޮޅުގެ ތިރިއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވެ އެވެ. އެހެން ނަމަވެސް ބަހުގައި ތިބި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. މި ހާދިސާ ހިނގި އިރު ބަހުގައި 15 މީހުން ތިބި ކަމަށް އެނގިފައިވެ އެވެ.