Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރަން ހޮޓްލައިނަކާއި އެޕެއް

ޖެންޑާ މިނިސްޓްރީ އާއި ޔުނިސެެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސަސް ގުޅިގެން ކުޑަކުދިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރުމަށް ހޮޓްލައިނަކާއި އެޕެލިކޭޝަނެއް ތަޢާރަފުކޮށްފި އެވެ.

"އަހަން" ގެނަމުގައި ތައްޔާރުކޮށްފައި ވާ އެޕްލިކޭޝަނާއި ހޮޓްލައިން ތައާރަފްކޮށްދެއްވީ ޔުނިސެފްގެ ރީޖިނަލް ޑިރެކްޓަރ ފޯ ސައުތު އޭޝިޔާ މިސް ޖީން ގޯފެވެ.

މި އެޕްލިކޭޝަންގެ ސަބަބުން ކޯލްސެންޓަރަށް ރިޕޯޓްކުރާ މައްސަލަތައް ކޯލް މެނޭޖްމަންޓް ސޮފްޓްވެއާއެއް މެދުވެރިކޮށް ވަގުތުން އަޕްޑޭޓް ކުރެވިގެން ދާނެ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ތައްޔާރުކޮށްފައިވާ މި އެޕްލިކޭޝަން އައިއޯއެސް އަދި އެންޑްރޮއިޑުން ޑައުންލޯޑް ކުރެވޭނެ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތައް 1412 އަށް ގުޅުއްވާލައްވައި ރިޕޯޓް ކުރުމަށާއި އެކަމަށް ފަސްނުޖެހުމަށް މި އެޕްލިކޭޝަން ތަޢާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވި އެވެ.

ހަމަ އެހެންމެ، މި އެޕްލިކޭޝަނަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ ޖޫން މަހު ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.