Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ގޭންޖިސް ކޯރަށް ކުނި އެޅުން އިންޑިއާގެ ކޯޓަކުން މަނާކޮށްފި

އިންޑިއާގެ ތިމާވެއްޓާ ބެހޭ އެންމެ މަތީ ކޯޓުން ގޭންޖީސް ކޯރުގެ ވަށައިގެން 500 މީޓަރާ ހަމައަށް ކުނި އެޅުން މަނާކޮށްފި އެވެ.

ނޭޝަނަލް ގްރީން ޓްރައިބިއުނަލް (އެންޖީޓީ) އިން ބުނެފައިވާ ގޮތުގައި އުއްތަރްކަންދް ސްޓޭޓްގެ ހަރިދްވާރް އާއި އުއްތަރްޕްރަދޭޝް ގެ އުނާއޯ އާއި ދެމެދު އޮތް 500 ކިލޯމީޓަރުގެ ސަރަޙައްދު ރައްކާތެރި ކުރުމަށްޓަކައި ވަރަށް އަވަސް ފިޔަވަޅެއްގެ ބޭނުން ޖެހިފައިވާ ކަމަށެވެ.

ކޯޓުން ވަނީ ކޯރަށް ކުނި އަޅާ ކޮންމެ މީހަކު 50،000 ރުޕީސް އާއި ހަމައަށް ފައިސާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ޙުކުމް ކޮށްފައެވެ.

އެންޖީޓީގެ ޙުކުމްތަކަކީ ޤާނޫނީ ގޮތުން ބޯލަނބަން ޖެހޭ ޙުކުމްތަކެކެވެ. އެހެންނަމަވެސް އެ ޙުކުމްތައް އެހެނިހެން ކޯޓްތަކުގައި އިސްތިޢުނާފް ކުރެވިދާނެއެވެ.

އެންޖީޓީ އިން ވަނީ ކާންޕޫރް ގައި އޮންނަ އެ ކޯރު ކައިރީގައި ހުރި ލެދާ އުފައްދާ އެތައް ސަތޭކަ ތަނެއް ކުރިއަށް އޮތް ހަ ހަފްތާގެ ތެރޭގައި އެތަނުން ނެގުމަށް އުއްތަރް ޕްރަދޭޝްގެ ސަރުކާރަށް އަމުރުކޮށްފައެވެ.

ލެދާ އުފައްދާ ތަންތަނަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ގިނަ މުސްލިމުން ވަޒީފާ އަދާކުރާ ތަންތަނެވެ. އެހެންނަމަވެސް އެތަންގަނުގެ ސަބަބުން ގޭންޖީސް ކޯރު ވަރަށް ބޮޑަށް ތަޣައްޔަރުވެއެވެ.

އެންޖީޓީ އަކީ ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި ހަރުކަށި އަމުރުތައް ފާސްކުރުމަށް މަޝްހޫރު ކޯޓެކެވެ. އެހެންނަމަވެސް އެންޖީޓީގެ ނިންމުންތައް ވަރަށް ގިނައިން ހައި ކޯޓްތަކާއި ސުޕްރީމް ކޯޓްގައި އިސްތިއުނާފް ކުރެވެއެވެ.

އެންޖީޓީގެ ޙުކުމްތައް ތަންފީޒް ކުރުމަށްޓަކައި އެކަމަށް ޚާއްސަ އޭޖެންސީއެއް ވެސް އޮވެއެވެ.

އެންޖީޓީ އިން އެންމެ ފަހުން ނެރުނު އެ އަމުރާއި ބެހޭގޮތުން އަދި އުއްތަރް ޕްރަދޭޝްގެ ސަރުކާރުން ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ.

ގޭންޖެސް ކޯރަކީ ގިނަ އަދަދެއްގެ ހިންދޫން އަޅުކަން ކުރުމަށްޓަކައި ގޮސް އުޅޭ ކޯރެކެވެ. އެހެންނަމަވެސް އެ ކޯރު ވަނީ ކެމިކަލްތަކާއި އެހެނިހެން ކުނިތައް އަދި މަރުވެފައިވާ މީހުންގެ ހަށިތަކުން ވަރަށް ބޮޑަށް ތަޣައްޔަރު ވެފައެވެ. މަރުވާ މީހުންގެ ހަށިތައް އެންދުމުގެ މާލީ ތަނަވަސްކަން ނެތް އާއިލާތަކުން މަރުވެފައިވާ މީހާގެ ހަށިގަނޑު އެއްލާލަނީ އެ ކޯރުގެ ތެރެއަށް ކަމަށް ޤަބޫލުކުރެވެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ ވަނީ އެ ކޯރު ސާފު ކުރުމަށްޓަކައި އެތައް ބިލިއަން ޑޮލަރު ޚަރަދު ކުރާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެހެންނަމަވެސް އެކްޓިވިސްޓުން ބުނާ ގޮތުގައި ކޯރު ސާފުކުރުމަށްޓަކައި ހިންގާ އޮޕަރޭޝަން ކުރިއަށްދަނީ މާ ލަސް މިންވަރެއްގައެވެ.