Last Updated: June 29, 21:20
Monday, June 29, 2026
ދުނިޔެ

އެމެރިކާގެ އޭޓިއެމް މެޝިނެއްގެ ތެރޭގައި މީހަކު ތާށިވެއްޖެ

އެމެރިކާގެ ޓެކްސަސްގެ އޭޓީއެމް މެޝިނެއްގެ ތެރޭގައި ތާށިވި މީހަކު، ސަލާމަތުގެ އެހީއަށް އެދި ރިސީޓް ސްލޮޓް އިން ބޭރަށް ގަނޑުކޮޅުތަކެއް ފޮނުވައިފި އެވެ.

ފުލުހުން ބުނާ ގޮތުގައި އެ މީހާ މަސައްކަތް ކުރަމުން ދިޔައީ ބޭންކެއް މަރާމާތު ކުރުމުގައެވެ. އަދި އޭޓީއެމް ތެރެއަށް އޭނާ ވަނީ އޭނާ ދުއްވާފައި އައި ވެހިކަލް ތެރޭގައި ފޯން ބޭއްވުމަށްފަހު އެވެ.

ބުދަ ދުވަހު ކޯޕަސް ކްރިސްޓީގައި ހިނގި އެ ހާދިސާގައި އޭޓީއެމްގައި ތާށިވި މީހާ އޭގެއިން ސަލާމަތް ކުރެވުނީ އޭޓީއެމް ބޭނުން ކުރަން އައި މީހުންނަށް އެހީއަށް އެދި ގޮވާ ހަޅޭއްލެވުމުންނެވެ.

އެންމެ ފުރަތަމަ ފުލުހުން ހީކުރީ އެއީ ޖޯކެއް ކަމަށެވެ. އެއަށްފަހު ކަމުގެ ހަޤީގަތް އެނގުމުން އޭނާ ސަލާމަތް ކުރެވުނެވެ.

ފުލުހުންގެ އޮފިސަރެއް ކަމަށްވާ ރިޗާޑް އޮލްޑެން ވިދާޅުވީ އޭޓީއެމް މެޝިން ތެރެއިން އެހީއަށްއެދި މީހަކު ގޮވާ އަޑު އިވުމުން ހީކުރީ އެއީ ޖޯކެއް ކަމަށެވެ. އަދި ކަސްޓަމަރަކަށް އެ މީހާ ދިން ނޯޓެއްގައި ވަނީ އޭނާ އޭޓީއެމް ތެރޭގައި ތާށިވެފައިވާ ކަމަށާއި، އޭނާގެ އަތުގައި ފޯނެއް ނެތް ކަމަށާއި އަދި އޭނާގެ ބޮސް އަށް ގުޅުމަށް އެދިއެވެ. އެ މެސެޖުގައި އޭނާ މަސައްކަތް ކުރާ ކުންފުނީގެ ވެރިފަރާތުގެ ނަންބަރު ލިޔެފައި އޮތެވެ.

ބޭންކް އޮފް އެމެރިކާގެ އޭޓީއެމް މެޝިންގައި ތާށިވި އެ މީހާ ސަލާމަތް ކުރެވުނީ އޭނާ އޭޓީއެމް ގައި ތާށިވިތާ ދެ ގަޑިއިރަށްވުރެ ގިނައިރު ފަހުންނެވެ.

އޮފިސަރ އޮލްޑެން ވިދާޅުވީ ހުރިހާ އެންމެންވެސް ރަނގަޅު ކަމަށާއި، މީހަކު އޭޓީއެމް އެއް ތެރޭގައި ތާށިވުމަކީ އެއްވެސް މިންވަރަކަށް ފެންނަ ކަމެއް ނޫން ކަމަށެވެ.