ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރައްވާ މެމްބަރުންގެ ތެރެއިން ޕާޓީން ވަކިވުމަށް އެދިފައިވާ މެމްބަރުންނަށް އަދިވެސް އަނބުރާ ޕާޓީއާއި ގުޅުމުގެ ފުރުސަތު ބަންދު ނުވާ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު ނިހާން ވިދާޅުވެއްޖެއެވެ.
ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ނޫސްވެރިންނާ ބައްދަލުކޮށް ނިހާން ވިދާޅުވެފައިވަނީ ވަކިވާން އެދުނު މެމްބަރުން ޕާޓީއާއި އަލުން ގުޅި ކުރިއެކޭ އެއްފަދައިން މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަށް ޕީޕީއެމްއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަދި ޕީޖީ ގްރޫޕުގެ އެތެރޭގައި ހުރި މައްސަލަ ޕާޓީގެ ތެރެއިން ހައްލުކޮށް މެމްބަރުން ބޭނުންވާ އިސްލާހުތައް މަޝްވަރާ ކޮށްގެން ގެނެވޭނެ ކަމަށާއި ނަމަވެސް އެފުރުސަތު އޮތީ ޕާޓީއާ އަލުން ގުޅުމުން ކަމަށް ވިލިމާފަންނު ދާއިރާ ތަމްސީލު ކުރައްވާ ނިހާން ވިދާޅުވެފައިވެއެވެ.
އަދި މިއީ މެމްބަރުންގެ "ޕާސަނަލް އެޖެންޑާ" ކުރިއަރުވާންވީ ވަގުތު ނޫން ކަމަށާއި ސަރުކާރުން ގެންނަން އުޅޭ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅާ މީހުނާއެކު މަސައްކަތް ނުކޮށް ގައުމަށްޓަކައި އެނބުރި އަންނަން ވީ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު 10 މެމްބަރަކު ޕާޓީން ވަކިވެއްޖެނަމަ ގޮނޑި ގެއްލޭނެއެވެ. އެއީ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ އެވެ.
މި 10 މެމްބަރުންވެސް ވަނީ މިހަފްތާގައި ޕީޕީއެމްއިން ވަކިވުމަށް އެދިފައެވެ. ނަމަވެސް ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށްބުނެ ޕާޓީން ވަނީ މެމްބަރުން ވަކިކޮށްނުދީ ހިފަހައްޓާފައެވެ.