Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

މިރޭ ބާއްވަން ތާވަލް ކުރި ގާސިމްގެ ޝަރީއަތް ކެންސަލް

ފޮޓޯ - އަވަސް

ގާސިމްގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާގެ ޝަރީއަތް މިރޭ ބާއްވަން ތާވަލް ކުރުމަށްފަހު ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވާ އިރު އެމައްސަލައިގެ ޝަރީއަތަށް ޕީޖީ އޮފީހުން ހާޒިރު ނުވުމުން މައްސަލަ ވަނީ މިމަހުގެ 10 ވަނަ ދުވަހު ކޯޓުން ބޭރުކޮށްލާފައެވެ.

ނަމަވެސް ޕީޖީން ބުނީ އެ މައްސަލަ ފަސްކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާނެކަމަށެވެ.

ގާސިމްގެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އިރު މި މައްސަލައިގެ ލިޔެކިއުން އިއްޔެ ވަނީ ގާސިމް އާއި ހަވާލު ކުރައްވާފައެވެ.

ގާސިމްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

ދައުލަތުގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ގާސިމްގެ ވާހަކަތަކުގެ އަސްލު ބިނާވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވޯޓުގެ ކުރިން ނުފޫޒު ފޯރުވައި ރިޝްވަތު ދިނުމަށެވެ. ނަމަވެސް ގާސިމް ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ.

ދެފަހަރެއްގެ މަތިން ގާސިމް ހައްޔަރުކޮށްފައިވާއިރު މިނިވަން ވުމަށްފަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވިނަމަވެސް އެމަނިކުފާނުގެ ޕާޓީއާ އެއްވެސް މެމްބަރެއް ގުޅިފައިނުވާ ކަމަށެވެ. އަދި އެފަދަ ވާހަކައެއް އެއްވެސް މެމްބަރަކު ދައްކަވާފައިވެސް ނުވާ ކަމަށް ގާސިމް ވަނީ ވިދާޅުވެ ދައުލަތުގެ ތުހުމަތުތަކަށް ފާޑުވިދާޅުވެފައެވެ.