ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މިރޭ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
އާއިލީ ދަތުރުފުޅެއްގައި މައުމޫން ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއާއެކުގައެވެ. މައުމޫން ދަތުރަށް ފުރާވަޑައިގަތުމުގެ ކުރިންވެސް އަނބުރާ ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ކޮއްކޯފުޅު ޔާމީން އަބްދުލް ޤައްޔޫމަށް ކުރެއްވި ތާއީދު އަނބުރާ ނެންގެވުމަށްފަހު މައުމޫން ވަނީ އިދިކޮޅު ފަރާތްތަކާއި ބައިވެރިވެވަޑައިގެން އަނެއްކާވެސް ސިޔާސީ ދާއިރާއަށް ވަދެވަޑައިގެންފައެވެ. މައުމޫން ވަނީ ދާދި ފަހުން އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ވާހަކަވެސް ދައްކާފައެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވެފައިވަނީ މިވަގުތު ގައުމަށް އެންމެ ފައިދާ ބޮޑީ ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރުން ކަމަށެވެ.
އިއްޔެ ސުޕްރީމް ކޯޓުން މަޖިލީހުގެ މެމްބަރުން އިންތިޚާބުވި ޕާޓީ ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް ކުރި ހުކުމަށް މައުމޫން ވަނީ ފާޑުވިދާޅުވެފައެވެ. މައުމޫން ވިދާޅުވެފައިވަނީ އިއްޔެ އަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ކަޅު ދުވަހެއް ކަމަށެވެ. އަދި ޑިކްޓޭޓަރުން ވެއްޓޭނެ ކަމަށްވެސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.