Last Updated: May 5, 12:12
Sunday, May 5, 2024
ޚަބަރު

ހެލްތު މިނިސްޓަރު އައްޑޫގެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް ޒިޔާރަތްކޮށްފި

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އިތުރުން އައްޑޫގެ ސިއްހީ ހިދުމަތް ދޭ ތަންތަނާއި ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ތަންތަންނަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި އެވެ.

މި ޒިޔާރަތަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތަކާ އެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް އައްޑޫ ސިޓީގެ ސިއްހީ ނިޒާމް ފުޅާ ކުރުމަށްޓަކާ ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެެކެވެ.

މިނިސްޓަރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އަލަށް އިތުރު ކުރާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސް މުއައްޒަފުންނާ ބައްދަލު ކުރައްވައި ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތަކާ ހޮސްޕިޓަލް އިތުރަށް ތައްރަޤީ ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ހަމަ އެހެންމެ، މި ދަތުރުފުޅުގައި މަރަދޫ ސިއްހީ މަރުކަޒާއި އެއިމްސް ކްލިނިކާއި އައިއެމްޑީސީ ހޮސްޕިޓަލާއި ފޭދޫ އަދި ހުޅުމީދޫ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން "ވޫންޑް ކެޔަ މެނޭޖްމަންޓް ޓްރެއިނިން" ފެށުމުގެ ރަސްމިޔާތުގައި ވެސް މިނިސްޓަރ ބައިވެރިވެވަޑައިގެންނެވި އެވެ.