Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

"ނިއުމަތްތައް ނާޖާއިޒު ގޮތުގައި ބޭނުން ކުރާ ނަމަ ނެތި ހިނގައި ދާނެ"

ނިއުމަތްތައް ނާޖާއިޒު ގޮތުގައި ބޭނުން ކުރާ ނަމަ އެ ނިއުމަތްތައް ނެތިގެން ހިނގައި ދާނެ ކަމަށާއި، މިހާރު މި ފެންނަނީ އޭގެ އަލާމާތްތައް ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒު ވަނީ މިފަދައިން ތަކުރާރުކޮށް ވިދާޅުވެ، އިއްޔެ އާއި ރޭގައި ޓްވީޓް ކުރައްވައިފަ އެވެ.

ރިޔާޒުގެ މިވާހަކަތަކަށް ޓްވިޓާގައި ބައެއް ފަރާތްތަކުން ރައްދު ދެއްވަމުން ބުނެފައިވަނީ "ތިވިދާޅުވަނީ މަޖްލިސްގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބިފައި އޮވެ ގެއްލުނު ވާހަކަތޯ އާއި އެހެންވެއްޖެ ނަމަ ތީ ދެ ވާހަކައެއް ކަމަށެވެ."

ރިޔާޒު މި މޭރުމުން ޓްވީޓް ކުރައްވަމުން އަންނަ އިރު އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުއަށް 32 މިލިއަން ރުފިޔާ އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކަމަށް ވިދާޅުވި ވިދާޅުވުމަށްވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާ ދެއްވުމުގައި މީގެ ކުރިން އެންމެ ކުރީ ސަފުން ފެނިވަޑައިގަތް ރިޔާޒު ރަޝީދު މިފަހުން މިހިނގާ ސިޔާސީ ކަންކަމުގައި ބަސް ވިދާޅުވާ އަޑު އިވެނީ ވަރަށް މަދުންނެވެ. އަދި އެގޮތަށް ފެންނަ ފަހަރު ތަކުގައިވެސް ކުރިން ހުންނަ ޖޯޝު ނުފެންނަކަމަށް ގިނަ ބަޔަކު ބުނެއެވެ.