ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް ތަކުރާރުކޮށް އިންސާފު ނަގާލާފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓު އުވާލުމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ގޮވާލައްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ކުއްލި އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު އަނިލް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭ ގޮތަށް ހުށައެޅި މައްސަލައަށް ސުޕްރީމް ކޯޓުން އިއްވި ހުކުމަށް ރިއާޔަތްކޮށް ދިޔާނާ ވިދާޅުވެފައިވަނީ ތަކުރާރުކޮށް ސުޕްރީމް ކޯޓުން ވަނީ އިންސާފުވެރިކަމާ ދެކޮޅަށް ހުކުމް ކޮށްފައި ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ހައްގުގެ ބޭނުން ކުރުމަށް ދިޔާނާ ވަނީ މަޖިލީހުގެ މެމްބަރުންނަށް ގޮވާލާފައެވެ. އަދި ބުރާސްފަތި ދުވަހު އެކޯޓުން އިއްވާފައިވާ ހުކުމަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފު ހުކުމެއް ކަމަށާއި އެހުކުމް ބަލައިނުގަންނާނެ ކަމަށް ދިޔާނާ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމު ފުރުއްވާފައިވާ ދިޔާނާގެ އިތުރުން ހުސްނުއް ސުއޫދުވެސް ވަނީ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް ބުނެފައެވެ.

މީގެ އިތުރުން 30 އަށްވުރެ ގިނަ އިދިކޮޅު ފަރާތްތަކުން މައްސަލައަށް ތަދައްޚުލުވުމަށް ކޯޓަށް ހުށައެޅި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެއިން އެއްވެސް މެމްބަރަކަށް އެފުރުސަތު ނުދީ ހުކުމް އިއްވާފައެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމާއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ރައްޔިތުން އިންތިޚާބުކުރި ގޮނޑި ގެއްލޭނެއެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެމްބަރެއްގެ ގޮނޑީ ގެއްލޭނެ 4 ހާލަތު ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނިކޮށް އިތުރު ގޮތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަނޭޅޭނެ ކަމަށްބުނެ ބަންޑާރަ ނައިބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.