Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މަޝްވަރާގެ ފުރުސަތު އަދިވެސް އެބަ އޮތް: ޝައިނީ

މިއަދު ޒުވާނުންގެ އެއްވުމުގައި ޝައިނީ ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ- ސަން

ސަރުކާރުން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާގެ މަޖިލީހަށް އައުމަށް ތައްޔާރު ކަމަށާއި އެއް އިރެއްގައިވެސް އެފުރުސަތުން އިދިކޮޅު ފަރާތްތައް މަޙްރޫމު ނުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު، ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކަށް ތަކުރާރުކޮށް މަޝްވަރާގެ މަޖިލީހަށް އައުމަށް ގޮވާލައްވާފައިވާ ޑރ. ޝައިނީ "ސަން" އަށް ވިދާޅުވެފައިވާ ގޮތުގައި ގައުމުގައި ހުރި މައްސަލަތަކާއެކު މަޝްވަރާގެ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ތައްޔާރުނަމަ އަންނަންވީއެވެ. އަދި އެކަމަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ޝައިނީ ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކަށް މީގެ ކުރިންވެސް މަޝްވަރާގެ މަޖިލީހަށް ދައުވަތު އެރުވުމުން އައިސްފައިނުވަނީ ދައްކާނެ ވާހަކައެއް ނެތުމުން ކަމަށެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކަށް މަޝްވަރާ ކުރުމަށް އަންނަން "ނުކެރުނީ" ކަމަށްވެސް ޝައިނީ ވިދާޅުވެފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މީގެ ކުރިން މަޝްވަރާގެ މަޖިލީހަށް އަންނަނީ މިސަރުކާރުން ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރުމުން އެބޭފުޅުންނާ އެކުގައި ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކުގެ އެ ގޮވާލުމަށް ބީރު ކަންފަތެއް ދީފައެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވަނީ މީގެ ކުރިން އެމްޑީޕީގެ ރައީސް، ނަޝީދު މިނިވަން ކުރުމަށް އިދިކޮޅު އެހެން ލީޑަރުން އެދިވަޑައިގެންފިނަމަ އެމަނިކުފާނު މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން ވަނީ ރައީސް ޔާމީންގެ އެ އެދުމަށް ފާޅުގައި ނޫނެކޭ ބުނެފައެވެ. މައުމޫން ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ކުރި ތާއީދު ނަންގަވައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތީ ވަރަށް ގިނަ ދުވަސް ވަންދެން އެމަނިކުފާނަށް ނަސޭހަތްތެރިވުމަށް ފަހުގައި ކަމަށެވެ. ނަމަވެސް ދެން ޔާމީނަށް އެއްވެސް ކަމަކަށް ނޭދޭނެ ކަމަށް މައުމޫން ދެއްވި ބަސްދީގަތުމެއްގައި ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްވެސް މިނިވަން ކުރުމަށް ގޮވާލާފައެވެ.