Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ދެން މަސީހަކަށް ވޯޓެއް ނުދޭނަން: ލަތީފް

ދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ވޯޓެއް ނުދޭނެ ކަމަށާއި ޕީޕީއެމަށް އުމުރަށް ސަލާން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވިދާޅުވެއްޖެ އެވެ.

ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި ޅެން ބައިތެއް ލިޔެފައިވާއިރު އޭގައި ވަނީ، "ދުލަކުން ހުވާ މިކުރަނީ އުމުރަށް ސަލާމް، އަލަކުން ދެނެއް ނެތީމޭ، މަސީހަށް ވޯޓު ދޭން.." މިހެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ އިންތިޚާބުކުރި ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާއިރު އިދިކޮޅު ޕީޕީއެމްގެ 10 މެމްބަރަކު ވަނީ ޕާޓީން ވަކިވުމަށް އެދި ސިޓީ ފޮނުވާފައެވެ.

ނަމަވެސް ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށްބުނެ އެމެމްބަރުން ޕާޓީން ވަކިކޮށްފައެއް ނުވެއެވެ. އެހެންކަމުން ދެން އެމެމްބަރުން ޕާޓީން ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ދެން ނުތިބެވޭނެއެވެ.

ގޮނޑި ގެއްލުނު ކަމުގައި ވިޔަސް ދެން ޕީޕީއެމަށް އަނބުރާ ނުދާނެ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު ޝިނާން ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ލީޑަރުން ވަނީ ގޮނޑި ގެއްލުނަސް އަލުން ގޮނޑިތަކަށް އިންތިޚާބުކުރުމަށް އެބޭފުޅުން ތިބީ ތައްޔާރަށް ކަމަށެވެ.