Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ހިސާބު އިލްމުވެރިޔާ މަރްޔަމް މިރްޒަޚާނީ ނިޔާވެއްޖެ

1936 އަހަރު ޤާއިމް ކުރެވުނު "ފީލްޑްސް މެޑަލް" ހިސާބުގެ ދާއިރާއިން އެންމެ ފުރަތަމަ ކާމިޔާބުކުރި އަންހެނާ ކަމަށްވާ މަރްޔަމް މިރްޒަޚާނީ ނިޔާވެއްޖެއެވެ.

އެމެރިކާގެ ސްޓޭންފޯޑް ޔުނިވާސިޓީގައި ޕްރޮފެސަރެއްގެ މަޤާމް އަދާކުރައްވަމުން ގެންދެވި އިރާން އަށް އުފަން މިރްޒަޚާނީ އަށް ވަނީ އުރަމަތީ ކެންސަރު ޖެހިވަޑައިގެންފައެވެ. އަދި ކެންސަރު ވަނީ އެބޭފުޅާގެ ކަށިތަކަށް ފެތުރިފައެވެ.

"ފީލްޑްސް މެޑަލް" އަކީ "ނޯބެލް ޕްރައިޒް ފޯ މެތެމެޓިކްސް" ގެ ވަނަން ލިބިފައިވާ އެވޯޑެކެވެ. އެއީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އުމުރުން 40 އަހަރުން ދަށުގެ 2-4 މެތެމެޓީޝަނުންނަށް ދެވޭ އެވޯޑެކެވެ.

ޕްރޮފެސަރ މިރްޒަޚާނީ އަށް އެ އެވޯޑް ލިބުނީ 2014 ވަނަ އަހަރު އެވެ. އެއީ ކޮމްޕްލެކްސް ޖޯމެޓްރީ އާއި ޑައިނެމިކަލް ސިސްޓަމްތަކުގެ ދާއިރާއިން އޭނާ ކުރެއްވި މަސައްކަތަށްޓަކައެވެ.

އިރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ޕްރޮފެސަރ މިރްޒަޚާނީގެ މަރަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓް ކޮށްފައި ވެއެވެ.

ޕްރޮފެސަރ މިރްޒަޚާނީގެ ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ހިތާމަ ފާޅުކޮށް މިރްޒަޚާނީ އަށް އިޙްތިރާމް އަދާކޮށްފައެވެ.

A genius? Yes. But also a daughter, a mother and a wife.

A post shared by Firouz Naderi (@firouz_michael_naderi) on

//platform.instagram.com/en_US/embeds.js

ޕްރޮފެސަރ މިރްޒަޚާނީ އާއި ފިރިމީހާ ކަމަށްވާ ޗެކް ރިޕަބްލިކްގެ ސައިންޓިސްޓް ޖޭން ވޮންދްރާކްގެ އެއް އަންހެން ދަރިފުޅު ދުނިޔޭގައި އެބަހުއްޓެވެ.

ނިޔާވިއިރު ޕްރޮފެސަރ މިރްޒަޚާނީގެ އުމުރުފުޅަކީ 40 އަހަރެވެ.

ބައެއް ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ އިރާންގެ އޮފިޝަލުން ޕްރޮފެސަރ މިރްޒަޚާނީގެ އިސްތަށިފުޅު ފެންނަ ފަހުގެ ފޮޓޯތައް ބޭނުން ނުކުރެއްވީތީ އެކަމަށް ފާޑުކިޔާފައެވެ. އިރާންގެ އަންހެނުން އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އައުރަ ނިވާކޮށް ބުރުގާ އެޅުމަކީ މަޖުބޫރު ކަމެކެވެ.

އިރާންގެ ރަސްމީ މީޑިއާ އާއި ސިޔާސީ ބޭފުޅުން އެބޭފުޅުންގެ ސޯޝަލް މީޑިއާ ގައި ޕްރޮފެސަރ މިރްޒަޚާނީ އަށް އިޙްތިރާމް އަދާކުރެއްވުމަށްޓަކައި ބޭނުންކުރައްވާފައި ވަނީ މިރްޒަޚާނީގެ ކުރީގެ ފޮޓޯތަކެކެވެ. އެ ފޮޓޯތަކުގައި މިރްޒަޚާނީ ހުންނެވީ ބުރުގާ އަޅުއްވައިގެންނެވެ.

1977 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ޕްރޮފެސަރ މިރްޒަޚާނީ ވަނީ ފުރާވަރު އުމުރުގައި އިންޓަނޭޝަނަލް މެތެމެޓިކަލް އޮލިމްޕިއެޑް އިން ދެ ރަން މެޑަލް ހާސިލްކުރައްވާފައެވެ.

2004 ވަނަ ހަވާޑް ޔުނިވާސިޓީ އިން ޕީއެޗްޑީ ހާސިލްކުރެއްވުމަށްފަހު، ޕްރިންސްޓަން ޔުނިވާސިޓީ ގައި މަސައްކަތް ކުރައްވައި 2008 ވަނަ އަހަރު ސްޓޭންފޯޑްގެ ޕްރޮފެސަރޝިޕް އެއް ހާސިލްކުރެއްވި އެވެ.

ޕްރޮފެސަރ މިރްޒަޚާނީ އަކީ "ފީލްޑްސް މެޑަލް" ހާސިލް ކުރެއްވި އިރާންގެ އެންމެ ފުރަތަމަ މީހާވެސް މެއެވެ.