ސެނެގާލްގެ ފުޓްބަލް ސްޓޭޑިއަމެއްގެ ފާރެއް ހަލާކުވެ ވެއްޓުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި އަށް މީހުން މަރުވެއްޖެ އެވެ.
ބެލެވޭ ގޮތުގައި އިތުރު އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
އެ ހާދިސާ ހިނގާފައި ވަނީ ވެރިރަށް ޑާކަރްގެ ޑެމްބާ ޑިއޮޕް ސްޓޭޑިއަމްގައި ލީގް ކަޕްގެ ފައިނަލް މެޗު ނިމުނުތަނާހެންނެވެ.
ފައިނަލް މެޗުގައި ސްޓޭޑް ޑި ބޯރް އާއި ޔޫނިއަކް ސްޕޯޓިވް އައުއަކަމް ބައްދަލުކުރި މެޗު 90 މިނެޓް ފަހުން ނިމިފައި ވަނީ 1-1 އެއްވަރު ނަތީޖާއަކާއި އެކީއެވެ. މެޗުގެ އިތުރު ވަގުތުގައި އެންމެ ފުރަތަމަ ބޯރް އިން ގޯލެއް ޖެހިއެވެ. އަދި 2-1 ނަތީޖާއާއި އެކު މެޗު ނިމުނުކަމުގެ ފައިނަލް ކަށިގަނޑު ރެފްރީ ގޮއްވުމާއިއެކު ހަމަނުޖެހުން އުފެދިގެންދިޔައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހަމަނުޖެހުން އުފެދިގެން ދިޔައީ ދެ ޓީމުގެ ސަޕޯޓަރުންގެ ދެމެދުގައެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ކަރުނަ ގޭސް ބޭނުންކުރުމުން މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ.
އިންޓަނެޓްގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ކަރުނަ ގޭސް ޖަހަން ފެށުމުން ގިނަ ބަޔަކު ދުއްވައިގަނެ، ތިރި ފާރެއްގެ މަތިން އަރަން މަސައްކަތް ކުރިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެވަގުތު ގިނަ ބަޔަކު ވަނީ ފިތިބާރުވެފައެވެ.