ކަރުދާސް ގަނޑެއްގައި ހިތަށް އެރިހާ އެއްޗެއް ލިޔުނަސް އެއީ ހުކުމަކަށް ނުވާނެ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރައްވައިފި ނަމަ މެންބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.
ނ. މަނަދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ހުކުމަކަށް ވަނީ ޤާނޫނު އަސާސީ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ވާ ގޮތަށް ލިޔެގެން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނޭ ގޮތް ޤާނޫނު އަސާސީ ގައި ބަޔާން ކޮށްދީފައި ވަނިކޮށް ސުޕްރީމް ކޯޓަށް އެ ނޫން ސަބަބުތަކެއް ކަނޑަނޭޅޭނެ ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ.
"ވެގެން މިއުޅޭ ގޮތަކީ ރައީސް ޔާމީންގެ ވެރިކަން މިވަނީ ނިމިފައި. މަޖިލިސް ވަނީ ބޭރުކުރެވިފައި. މިހާރު ހުރީ އިޖުރާއީގޮތުން ނިންމާލަން ޖެހޭ ކަންކަން ނިންމާލުން،"
ރާއްޖޭގެ ސިޔާސީ މަސްރަޚުގައި މިހާރު ހިނގަމުންދާ ކަންކަމަށް އިޝާރާތް ކުރައްވައި އަލީ ހުސައިން ވިދާޅުވީ މިހާރު ވެގެން އުޅޭ ގޮތަކީ، ރައީސް ޔާމީންގެ ވެރިކަން ނިމިފައި ވުން ކަމަށާއި މިހާރު ހުރީ ޢިޖުރާއީ ގޮތުން ނިންމަން ޖެހޭ ކަންތަކެއް ނިންމާލުން ކަމަށެވެ.