ރައީސް އަބްދުﷲ ޔާމީން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އުވާލައްވާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންގެ ބަދަލު" މިނަމުގައި ގދ. ގައްދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، ރައީސް ޔާމީން ގެންދަވަނީ ޤާނޫނު އަސާސީގައި ހުރި ލިޔުންތައް ފޮހެލައްވަމުން ކަމަށެވެ.
ނިޒާރު ވިދާޅުވީ ރައީސް ޔާމިން އަކީ ރާއްޖޭގެ ވެރިކަމަށް އައުމަށް އެއްވެސް މީހަކު ދެކެން ބޭނުންވި ބޭފުޅެއް ނޫން ކަމަށާއި ވެރިކަމަށް ވަޑައިގެންނެވީ ވެސް މަކަރުވެރި ވިސްނުންފުޅަކާއި އެކުގައެވެ.
"ޔާމިން އަކީ ރާއްޖޭގެ ވެރިކަމަށް އައުމަށް އެއްވެސް މީހަކު ދެކެން ބޭނުންވި ބޭފުޅެއް ނޫން. ފުރަތަމަ ބުރުން މަދު ވޯޓު ކޮޅެއް.މަކަރުވެރި ވިސްނުމާއި އެކީ ވެރިކަމަށް ވަޑައިގެންނެވީ."
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ޤާނޫނު އަސާސީގައި ހުރި ލިޔުންތައް ފޮހެލައްވަން ޖެހޭނެ ކަމަށްރައީސް ޔާމީން ވިދާޅުވަމުން ގެންދެވި ނަމަވެސް އެފުރުސަތު ނުދެއްވާނެ ކަމަށެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، މިއަދު ފެނިގެން މިދަނީ ޚުދުމުހުތާރު ވެރިޔަކު ޤާނޫނު އަސާސީގެ ނާޖާއިޒު ފާއިދާ ނަގައި ހައްގުތައް ނިގުޅައި ގަންނަމުންދާ މަންޒަރު ކަމަށެވެ.