Last Updated: May 5, 06:00
Sunday, May 5, 2024
ޚަބަރު

ރިހެބުން ފަރުވާދޭ މީހުންގެ 94 ޕަސަންޓް ކާމިޔާބު: އެންޑީއޭ

ރާއްޖޭގައި ރިހެބުން ފަރުވާ ދެވޭ މީހުންގެ 94 އިންސައްތަ އަންނަނީ ކާމިޔާބުވަމުން ކަމަށާއި މި ކާމިޔާބީއަކީ ދުނިޔޭގެ ނިސްބަތުން ބަލާ އިރު ވެސް ބޮޑު ކާމިޔާބީއެއް ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ، (އެންޑީއޭ) އިން ބުނެފި އެވެ.

މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޤައުމީ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ކުދިންގެ އުމުރާއި ގުޅޭ ގޮތުން ހެޔޮ ނުބައި ކުދިންނަށް ދަސްކޮށް ދިނުމަކީ ޑްރަގުގެ ވަބާއިން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި އެންމެ މުހިންމުއެއްކަން ކަމުގައެވެ.

ހަމަ އެހެންމެ، އެކަމުގެ ޒިންމާ އުފުލަން ޖެހެނީ މައިންބަފައިންނާއި މުދައްރިސުންނާއި ތައުލީމީ މަންހަޖު ކަމަށް ވެސް ވިދާޅުވި އެެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހި އިސްލާހުވާ ޒުވާނުން ބަލައި ގަންނަން ޖެހޭނެ ކަމަށާއި އެފަދަ ޒުވާނުންނަށް ހިތްވަރުދޭން ވެސް ޖެހޭނެ ކަމަށެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެންޑީއޭގެ ޗެއަރމަން ކާނަލް ޢަލީ ޝާހިދު ވިދާޅުވީ މިހާރު ހުރިހާ އާއިލާތަކަށްވެސް މަސްތުވާތަކެތީގެ ވަބާ އާއްމުވެފައިވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ބޭނުންވާ ފަރުވާ ފުރިހަމަކުރާ ފަރާތްތަކަށް ވަޒީފާ ދޭ ފަރާތްތަކުގެ އަގުވަޒަންކޮށްފަ އެެވެ.

އޭގެ ތެރޭގައި އެސްޓީއޯ އާއި އެމްޓީސީސީ އަދި ރެއިންބޯ އެންޓަޕްރައިޒަސް ފަދަ ކުންފުނިތައް ހިމެނެއެވެ.

ހަމަ އެހެންމެ، އެސްޓީއޯ އާއި އެމްޓީސީސީ ފަދަ ކުންފުނިތަކުން މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތް ކުރުމަށް މާލީ ގޮތުން ވެދެއްވާ އެހީތެރިކަން ވަނީ ފާހަގަކޮށްފަ އެވެ.