Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެކުވެރި މެޗްގައި ޔުނައިޓެޑް ފަސޭހަކޮށް ގެލެކްސީ ބަލިކޮށްފި

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުލަބުތަކުން އެކި ގައުމުތަކަށް ދަތުރުކޮށް އެކުވެރިކަމުގެ މެޗުތައް ކުޅެމުންދާއިރު މެންޗެސްޓާ ޔުނައިޓެޑާއި އެމެރިކާގެ އެލްއޭ ގެލެކްސީ ބައްދަލުކުރި މެޗު 2-5 އިން ޔުނައިޓެޑު ކާމިޔާބުކޮށްފި އެވެ.

މެޗުގެ ފުރަތަމަ ދެ މިނެޓުތެރޭ މާކަސް ރަޝްފޯޑް ވަނީ ގޯލު ޖަހައި ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ. 10 މިނެޓު ފަހުން އަނެއްކާވެސް ގޯލު ޖަހައި ލީޑު ފުޅާކޮށްފައިވަނީ ރަޝްފޯޑެވެ. ފުރަތަމަ ހާފުގެ ތިންވަނަ ލަނޑު ޖަހާފައިވަނީ ފެލައިނީއެވެ. ހާފު ނިމުމުގެ ކުރިން ނަތީޖާ 4 އަށް ހަދާލުމަށް ސްމޯލިންގ އަށް ލިބުނު ބޯޅަ ގޯލުގެތެރެއަށް ވަދެފައިވިނަމަވެސް ރެފްރީވަނީ އޮފްސައިޑު ކަމަށް ނިންމައި ގޯލު ކެންސެލް ކޮށްފައެވެ.

ދެވަނަ ހާފުގައި ފުރަތަމަ 11 އެއްކޮށް ބަދަލުކޮށްފައިވާއިރު ޔުނައިޓެޑުގެ 4 ވަނަ ލަނޑު 67 ވަނަ މިނެޓުގައި ޖަހާދީފައިވަނީ މިޚިތަރިޔާންއެވެ. އޭނާގެ ލަނޑަށް ފަސް މިނެޓުވެސް ނުވަނީސް ޔުނައިޓެޑުގެ ފަސްވަނަ ލަނޑު ޖަހާފައިވަނީ އެންތޮނީ މާޝިއަލްއެވެ.

މިމެޗުގައި ގެލެކްސީގެ ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފަހު 10 މިނެޓުތެރޭގައެވެ. ޖިއޮވާނީ ޑޮސް ސަންޓޮސް ދެ ލަނޑުވެސް ޖަހާފައިވާއިރު އޭނާގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ 80 ވަނަ މިނެޓުގައެވެ. އަދި ދެވަނަ ގޯލު ޖަހާފައިވަނީ 88 ވަނަ މިނެޓުގައެވެ. މެޗުގައި ޔުނައިޓެޑާއި އަލަށް ގުޅުނު ފޯވާޑް، ރޮމެލޫ ލުކާކޫއަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.