Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ނަޝީދުގެ މައްޗަށް ހުކުމް ލިޔުނީ ފަނޑިޔާރެއް ނޫން: އަދީބު

2015 ވަނަ އަހަރު ރައީސް ނަޝީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ ތެރެއިން. އޭޕީ ފޮޓޯ: ހުސައިންސިނާން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހުކުމް ލިޔުއްވާފައި ވަނީ ފަނޑިޔާރެއް ނޫން ކަމަށް މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އަދީބު ވިދާޅުވެފައި ވަނީ ނަޝީދުގެ މައްޗަށް ކުރި ހުކުމް ކުރި މީހާ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެއީ ފަނޑިޔާރެއް ނޫން ކަމަށެވެ.

މިއަދު އަދީބު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފުރަތަމަ ނަޝީދުގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރުމަށް ނިންމާފައިވާ ކަމަށާއި އަދި އެހުކުމް ތަންފީޒު ކުރުމަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަސް ކުރުމަށްވެސް އޭރު ވަނީ ނިންމާފައި ކަމަށެވެ.

ނަމަވެސް އެހުކުމް 13 އަހަރަށް ބަދަލު ކުރީ ވަކި ފަރާތެއްގެ އެންގުމުން ކަމަށް ބަޔާނުގައި އަދީބު ބުނެފައިވެއެވެ. އަދި ނަޝީދުގެ މައްޗަށް ކޮށްފައިވަނީ ފަނޑިޔާރުުންނަށާއި އަދުލުއިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއް ކަމަށާއި އެކަން ސާބިތު ކޮށްދެވޭނެ ވަރުގެ ހެކި އެބަހުރި ކަމަށް އަދީބު ބުނެފައިވެއެވެ. ނާޒިމެކޭ އެއްފަދައިން ނަޝީދުގެ ހައްގުގައިވެސް ޝަރުއީ ކޯޓެއްގައި ހެކިބަސް ދިނުމުގެ ފުރުސަތު ދީފިނަމަ އެކަން ކުރަން ތައްޔާރަށް ހުންނެވި ކަމަށް އަދީބު ވިދާޅުވެފައިވެއެވެ.