Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

ހުޅުމީދޫ ކައުންސިލަރުންނަށް ނާޒިމްއާ ބައްދަލުވާން ފުރުސަތެއް ނުލިބުނު

މިހަފްތާ ބަންދުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ހުޅުދޫ އަދި މީދޫ އަށް ވަޑައިގަތުމުން މިނިސްޓަރާއި ބައްދަލު ކުރެއްވުމަށް ހުޅުދޫ އަދި މީދޫ ކައުންސިލަރުން އެދިވަޑައިގަތުމުންވެސް އެ ފުރުސަތު ނުދެއްވައި މިނިސްޓަރ ފުރާ ވަޑައިގަތުމުން އެކަމާއި ކައުންސިލަރުން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މީދޫ ކައުންސިލަރ ހުސެއިން ހިޔާޟު، "އައްޑޫލައިވް"އަށް ވިދާޅުވީ މިނިސްޓަރ ހުޅުދޫ މީދޫއަށް ވަޑައިގަންނަވާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން މިނިސްޓަރގެ އިސްތިގްބާލަށް ބަނދަރަށް ގޮސް މިނިސްޓަރާއި އެކު ބައްދަލުވުމެއް ބާއްވަން އެދުމުން އެ ފުރުސަތު ދެއްވާނެކަމަށް ވިދާޅުވިކަމަށެވެ. ނަމަވެސް ފުރާ ވަޑައިގަތީ އެ ފުރުސަތު ނުދެއްވައި ކަމަށް ހިޔާޟު ވިދާޅުވިއެވެ.

"އަޅުގަނޑާއި ހުޅުދޫ ކައުންސިލަރު ޝުކުރީ އެކު މިނިސްޓަރ ރިސީވް ކުރަން ގޮސް މިނިސްޓަރާއި ބައްދަލު ކުރަން އެދުނީ، ސަބަބަކީ ރަށުގެ ސިއްހީ ހާލަތު ހުރި ގޮތުން ރައްޔިތުންގެ ކަންބޮޑުވުން ހިއްސާ ކުރަން، އެ ފުރުސަތު ދެއްވާނެކަމަށް ވިދާޅުވެ، އެފުރުސަތު ނުދެއްވައި ފުރާ ވަޑައިގަތުމަކީ ޒިއްމާދާރުކަން ކުޑަކަމެއް" ހިޔާޟު ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ވިދާޅުވީ ހުޅުމީދޫ ސިއްހީ މަރުކަޒުން ދެމުންދާ ހިދްމަތް ތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުން ހިއްސާ ކުރައްވަން އެދުމުން އެފުރުސަތު ނުދިންކަމަށެވެ. އަދި މިއީ ވަޒީރެއްގެ ފެންވަރުގެ ބޭފުޅެއްގެ ފަރާތުން ރައްޔިތުން ދެކެން ބޭނުންވާ މަންޒަރު ނޫންކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ސިއްހީ ހިދްމަތް ދޭ ތަންތަނަށް ޒިޔާރަތް ކުރެއްވުމަށްފަހު އެމަނިކުފާން ގިނަ ވަގުތު ހޭދަ ކުރެއްވީ ޕާޓީގެ ކަންކަމުގައެވެ.

ހުޅުދޫ މީދޫއަށް ކުރެއްވި ދަތުރުފުޅުގައިވެސް އެމަނިކުފާން ގިނަ ވަގުތު ހޭދަކުރެއްވީ ޕާޓީ އެކްޓިވިސްޓުންނާއިއެކު ޕާޓީ ކަންކަމުގައެވެ.

ހިޔާޟު ވިދާޅުވީ ސިއްހީ ކަންކަން ހަރުދަނާ ނުކޮށް ސީދާ ޕާޓީ ހަރަކާތަށް މިނިސްޓަރ ވަޑައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.