ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ މެނޭޖަރުގެ މަގާމުގައި ހުންނެވި، ސ. ހިތަދޫ ރިޔާޒު، އަބްދުﷲ ޖަމީލް މިއަދު މަގާމު ވަކިކޮށްފި އެވެ.
ޖަމީލް ވަނީ ވަޒީފާއިން ވަކި ކުރި ކަމުގެ ޗިޓު ލިބިފައިވާކަން އައްޑޫލައިވްއަށް ޔަގީންކޮށްދެއްވާފަ އެވެ.
ޖަމީލް މަގާމުން ވަކި ކުރި ކަމުގެ ލިޔުން ފޮނުވާފައި ވަނީ މިއަދު މެންދުރު ދޭއް ޖެހި ފަހުންނެވެ.
ޖަމީލް މަގާމުން ވަކިކޮށްފައި މި ވަނީ ހެލްތު މިނިސްޓަުރ އަބްދުﷲ ނާޒިމް އިބްރާހިމް ރަސްމީ ދަތުރުފުޅެއްގައި އައްޑު އަށް ޒިޔާރަތް ކުރެއްވުމަށް ފަހު ފުރާވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަމީލް މަގާމުން ވަކިކުރުމުގެ ކުރިން ހެލްތު މިނިސްޓްރީގެ އިސް ފަރާތްތަކާއި ޖަމީލަ ދެމެދު ވަނީ މައްސަލަތަކެއް އުފެދިފައެވެ.
ޖަމީލް އާއި ހެލްތު މިނިސްޓްރީގެ ވެރިންނާއި މައްސަލަ އުފެދިފައިވަނީ އެތަން ފޮޅާ ސާފު ކުރުމަށް ބިޑަށް ހުޅުވާލައި އެ މަސައްކަތް ގަވާއިދާއި އެއްގޮތަށް ލިބުނު ފަރާތް ނޫން އެހެން ފަރާތަކަށް ދިނުމަށް އެންގުމުން އެކަމާއި ދެކޮޅު ހެދުމާއި ގުޅިގެންނެވެ.
ހޮސްޕިޓަލް ފޮޅާ ސާފު ކުރުމަށް އެތައް ފަހަރަކު ބީލަމަށް ހުޅުވާލި ނަމަވެސް ކޮންމެ ފަހަރަކު ކާމިޔާބް ކުރަނީ އެތަނުގެ މަސައްކަތް ދޭން ބޭނުން ނޫން ބަޔަކަށެވެ. އެހެންވެ އެ މައްސަލަ އޭސީސީއަށްވެސް ހުށަހެޅުނެވެ.
ޖަމީލް ހޮސްޕިޓަލްގެ މެނޭޖަރ ކަމުގެ މަގާމަށް ހަމަޖައްސަވާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ.
މީގެ ކުރިންވެސް ޖަމީލް މަގާމުން ވަކިކޮށް އެމަގާމަށް އިތުރު މީހަކު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތަކެއް ޕީޕީއެމް ތެރޭގައި ގަދަވެގެން ގޮސްފައިވެއެވެ. އަޑުއިވޭ ގޮތުގައި އެމަގާމު ބޭނުން އެތައް ބަޔަކު ޕީޕީއެމް އައްޑޫ ވެރިންގެ ތެރޭގައި ހިމެނެއެވެ.