Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ގާސިމްގެ ޕާސްޕޯޓު ހިފަހައްޓައިފި

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ކުރިން ގާސިމްގެ ސިއްހީ ހާލަތު ދަށްވެ، އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާއިރު ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަން އެނގިފައިވަނީ ބޭރަށް ފުރާ ވަޑައިގަތުމަށް އެއާޕޯޓަށްވެސް ދިޔަ ފަހުންނެވެ. އަދި ނުފުރުމުގެ ސަބަބުން ލަންކާއަށް ކުރައްވަން އުޅުނު ދަތުރުފުޅު ކެންސަލް ކުރުމަށްފަހު ގާސިމް ވަނީ އެނބުރި އޭޑީކޭގައި އެޑްމިޓް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ގާސިމް އިބްރާހިމަށް ކުރާ ތިން ދައުވާގެ ތެރެއިން އެއް ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމަށް ދިއުމަށް ހަމަޖެހިފައިވަނިކޮށް ކުއްލި ގޮތަކަށް ގާސިމްގެ ސިއްހީ ހާލަތު ދަށްވެ، އޭޑީކޭގައި ވަނީ ފަރުވާ ދޭން ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނޭވާލާން އުނދަގޫ ވުމާއި މޭމައްޗަށް ތަދުވުމުގެ ސަބަބުންނެވެ.