"ޑޮކްޓަރ ހޫ" ގެ 13 ވަނަ ޓައިމް ލޯޑަކަށް އަންހެން އެކްޓަރަކު ހަމަޖައްސައިފި އެވެ.
އެގޮތުން އެ ރޯލް ކުޅޭނީ ޖޯޑީ ވިޓޭކާ އެވެ.
އެކަން އިއުލާންކޮށްފައި ވަނީ ރޭ ބޭއްވުނު ވިމްބްލްޑަން ފިރިހެން ސިންގަލްސް ގެ ފައިނަލް މެޗަށްފަހު ދެއްކި "ޑޮކްޓަރ ހޫ" ގެ ޓްރެއިލާއަކުންނެވެ.
'ބްރޯޑްޗާޗް"ގެ ތަރި ވިޓޭކާ ގެ ކުރިން "ޑޮކްޓަރ ހޫ" ގައި ޑޮކްޓަރ އަދި ޓައިމް ލޯޑްގެ ރޯލް އަދާކޮށްފައި ވަނީ ޕީޓާ ކަޕަލްޑީ އެވެ. ކަޕަލްޑީ އެ ރޯލާއި ހަވާލުވެފައި ވަނީ 2013 ވަނަ އަހަރުއެވެ.
އުމުރުން 35 އަހަރުގެ ވިޓޭކާ ބުނެފައި ވަނީ ޑޮކްޓަރ ގެ ރޯލް އޭނާއަށް ލިބުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ.
ވިޓޭކާ "ޑޮކްޓަރ ހޫ" އިން އެންމެ ފުރަތަމަ ފެނިގެންދާނީ މިއަހަރުގެ ތެރޭގައި ކުރިއަށް އޮތް ކްރިސްމަސް ސްޕެޝަލް އެޕިސޯޑުންނެވެ.
ވިޓޭކާ ބުނީ ޑޮކްޓަރ ރޯލް ކުޅެން ލިބުމަކީ ވަރަށް ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އެ ސީރީސްގެ މަސައްކަތް ކުރުމަށް ކެތްމަދުވެފައިވާ ކަމަށެވެ.
'ބްރޯޑްޗާޗް' ގައި ވިޓޭކާ އާއިއެކު މަސައްކަތް ކުރި ކޯސްޓާ ޑޭވިޑް ޓެނެންޓް އަކީ "ޑޮކްޓަރ ހޫ" ގެ 10 ވަނަ ޑޮކްޓަރެވެ.