ކެޓަރެކްޓް ސާޖަރީ ކުރަން އުޅުނު އމުރުން 67 އަހަރުގެ އަންހެނެއްގެ ލޮލުން 27 ކޮންޓެކްޓް ލެންސް ޑޮކްޓަރުން ހޯދައިފި އެވެ.
އެ އަންހެން މީހާ ބުނި ގޮތުގައި އޭނާ ހީކުރީ އެ ލެންސްތައް ގެއްލުނީ ކަމަށާއި، ލޮލަށް އުނދަގޫވަނީ އޭނާ މުސްކުޅިވުމުގެ ސަބަބުން ކަމަށް ކަމަށެވެ.
އެންމެ ފުރަތަމަ ޑޮކްޓަރުންނަށް އޭނާގެ ލޮލުން ފެނުނީ 17 ލެންސެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ބެލުމުން ވަނީ އިތުރު 10 ލެންސެއް ފެނިފައެވެ.
އެކަމުގައި މަސައްކަތް ކުރި ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އެފަދަ އެހެން މައްސަލައެއް މިހާތަނަށް ދުވަހަކުވެސް ދެކެފައި ނުވާ ކަމަށެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި ފުރަތަމަ ފެނުނު 17 ކޮންޓެކްޓް ލެންސް ހުރީ އެކަތި އަނެކަތީގައި ތަތްލަވާފައި ކަމަށާއި، އެކަން ބަލިމީހާއަށް ނޭނގުނު ކަމާއިމެދު ހައިރާން ވާ ކަމަށެވެ.
އެ އަންހެން މީހާ ވަނީ ވޭތުވެދިޔަ 35 އަހަރު ތެރޭގައި ޑިސްޕޮސެބަލް ކޮންޓެކްޓް ލެންސް ބޭނުންކޮށްފައެވެ. އެހެންނަމަވެސް އޭނާ އަކީ ޤަވާއިދުން ލޮލުގެ ޑޮކްޓަރުންނަށް ދައްކާ ޗެކަޕް ހައްދާ މީހެއް ނޫނެވެ.
އެ މައްސަލައިގެ ސަބަބުން އޭނާގެ ކެޓަރެކްޓް ސާޖަރީ ވަނީ ލަސްކުރެވިފައެވެ.