Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

ހުކުމަށް ފާޑު ކިޔާ ނަމަ ފިޔަވަޅު އަޅާނަން: ސްޕްރީމް ކޯޓް

ސްޕްރީމް ކޯޓުގެ ފަނޑިޔާރުން، ސްޕްރީމް ކޯޓޫގެ ހުކުމްތަކަށް ފާޑު ކިޔާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ، ފޮޓޯ: ޖޭއެސްސީ

ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނުއަސާސީގައި އޮންނަ ހިނދު އެ ނިންމުންތަކާ މެދު އެއްވެސް ފަރާތަކުން ފާޑު ނުކިޔޭނެ ކަމަށާއި އެފަދައިން އަމަލު ކުރާ ފަރާތްތައް އެއްވެސް އިސްތިސްނާއެއް ނެތި ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ސްޕްރީމް ކޯޓުން ދީފި އެވެ.

ސްޕްރީމް ކޯޓުން ރޭ ނެރުނު އަމުރެއްގައި ބުނެފައިވަނީ ކޯޓުގެ އިހްތިސާސްގެ ގޮތުންނާއި އިޖުރާއީ ގޮތުންނާއި މައުލޫއީ ގޮތުން ޖަދަލެއް ނުވަތަ ޚުޞޫމަތެއް އުފައްދާނެ ތަނެއް ނޯންނާނެ ކަމަށާއި، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫންކަމަށެވެ.

ކޯޓުން މިފަދަ އަމުރެއް ނެރެފައި މިވަނީ ބުރާސްފަތި ދުވަހު ސްޕްރީމް ކޯޓުން މަޖްލިސް މެމްބަރުން އިންތިހާބްވި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލު ވެއްޖެ ނަމަ އެ މެމްބަރެއްގެ މަޖްލިސް ގޮޑި ގެއްލޭނެކަމަށް ހުކުމް ކޮށްފައި ވަނިކޮށެވެ.

ސްޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކުރި ހުކުމަކީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށެވެ. އެހެން ކަމުން މީގެ ކުރިން ޕާޓީ ބަދަލުކޮށް ޕާޓީން ވަކިވެފައިވާ މެމްބަރުންގެ ގޮޑި ނުގެއްލޭނެއެވެ.

މީގެ އިތުރުން ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ދުސްތޫރީ މައްސަލަ 3 ފަނޑިޔާރުންގެ ބެންޗަކުން ބެލޭނެ ކަމަށެވެ.

މީގެ ކުރިންވެސް ސްޕްރީމް ކޯޓުން ނިންމި ބައެއް ނިންމުންތަކަށް ފާޑު ކިއުމާއި ގުޅިގެން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވަނީ ދީފައެވެ.