ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މަޖްލިސް މެމްބަރު އަހުމަދު ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާއަށް ފާރިސް އިންކާރު ކުރައްވައިފި އެވެ.
ފާރިސް ދައުވާއަށް އިންކާރު ކުރެއްވީ މިއަދު ހެނދުނު 11 ޖެހި އިރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައެވެ.
ފާރިސް ދައުވާއަށް އިންކާރު ކުރެއްވުމާއި ގުޅިގެން، ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ސިއްރު ދެހެކިން ހުށަހަޅާފައެވެ. މީގެ އިތުރުން ފާރިސް ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައިވާ ކަމުގެ ލިއުމަކާއި ވީޑިއޯ ފުޓޭޖެއް ވަނީ ހުށަހަޅާފައެެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އެޕާޓީން އޭނާ ވަކިކުރި ފަހުން ޕީޕީއެމްގެ ލޯގޯ އާއި ދިދަ ހުއްދަ ނެތި ބޭނުން ކުރެއްވިކަމުގެ ދައުވާއެވެ.
މިމައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 23 ވަނަ ދުވަހަށް ވަނީ ޝެޑިއުލްކޮށްފައެވެ.