ރޭ ހިތަދޫގެ ތިން ކާރެއް ރޯކޮށް އަންދާލުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން އިތުރުކޮށްފި އެވެ.
ކާރުތަކުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުންނެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެއީ 28 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެކެވެ.
ނަމަވެސް ހައްޔަރުކޮށްފައިވާ މީހުންގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
"އައްޑޫލައިވް" އަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ދެ މީހުންވެސް ވަނީ ކާރުގައި ރޯކޮށްލި ކަމަށް އިއުތިރާފު ވެފައެވެ.
އަދި އެމީހުން އެކަން ކޮށްފައިވަނީ "ބަނޑުހައިވެގެން ގޮޅިއަށް ދާން" ކަމަށްވެސް ޚަބަރު ލިބިފައިވެއެވެ.