Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

މަސީހާ ދެކޮޅަށް ކުރި ސޮއި އަނބުރާ ގެންދަން އަންގައިފި

ޕީޕީއެމްއިން ވަކިވާން ސިޓީ ފޮނުވި މެމްބަރުން. ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތަކަމަށް ސޮއި ކުރެއްވި ޕީޕީއެމްގެ ކުރީގެ މެމްބަރުންގެ ސޮއި އަނބުރާ ގެންދަން ޕީޕީއެމްއިން އަންގައިފި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އިގްބާލް އާދަމް ސޮއި ކުރައްވައި މިއަދު ސޮއި ކުރެއްވި މެމްބަރުންނަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ މިރޭ 12 ޖެހުމުގެ ކުރިން ސޮއި އަނބުރާ ގެންދެވުމަށެވެ.

އިގްބާލް މިފަދަ ސިޓީއެއް މެމްބަރުންނަށް ފޮނުއްވި އިރު އެމެމްބަރުންވަނީ ޕާޓީން ވަކިވެފައިވާކަމަށް ވިދާޅުވެ ސިޓީ ފޮނުއްވާފައެވެ. ނަމަވެސް ޕީޕީއެމްއިން ބުނީ އެމެމްބަރުން އަދި ޕާޓީން ވަކި ނުވާކަމަށެވެ.

ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިބެ ގަރާރުގައި ސޮއި ކުރީ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ އާއި ތިނަދޫ ދެކުނު ދާއިރާގެ މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މުހައްމަދު ތޯރިގާއި ތިމަރަފުށި ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ.

މީގެ ތެރެއިން ގިނަ މެމްބަރުން ވަނީ ފާޅުގައި މަސީހާއި ދެކޮޅަށް ވޯޓު ނުދެއްވާނެކަން ހާމަކޮށްފައެވެ. އަދި މަޖްލިސް ގޮޑި ގެއްލުނު ނަމަވެސް އެނިންމުން ބަދަލު ނުކުރާނެކަމަށް މެމްބަރުން ވަނީ ބުނެފައެވެ.