މަޖިލިސް ގޮނޑި ގެއްލުވާލައި އަނދަގޮޑި ޖެހި ނަމަވެސް ވޯޓު ދެއްވާނީ މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުއ ދެކޮޅަށް ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެ އެވެ.
މަސީހު އާއި ދެކޮޅަށް ސޮއި ކުރެއްވި މެމްބަރުންގެ ސޮއި ރޭ ދަންވަރު 12:00 ގެ ކުރިން އަނބުރާ ގެނައުމަށް އެންގުމާ ގުޅިގެން މުހައްމާ ވިދާޅުވީ އޭނާގެ ނިންމުން ބަދަލެއް ނުކުރާނެކަމަށާއި، މަސީހު މަޖްލިސްގެ ރައީސް ކަމުން ދުުރު ކުރާނެކަމަށެވެ.
މަޖްލިސްގެ މެމްބަރުންނަށް ތަފާތު އެކި ގޮތް ގޮތުން ފިއްތުން ކުރިމަތި ކުރަމުން ގޮސް މިހާރު ވަނީ މަޖްލިސް މެމްބަރުން ޕާޓީން ވަކި ކުރުން ނުވަތަ ޕާޓީ ބަދަލު ކުރުމުން ގޮޑި ގެއްލޭ ގޮތަށް އަމުރުކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގަތް މުހުއްމާ ވިދާޅުވީ މަސީހު މަޖްލިސްގެ ރައީސް ކަމުގައި ހުންނަވައިގެން ހުރިހާ ކަމެއް ވެސް ކޮށް ދެއްވަނީ ސަރުކާރުން ބޭނުން ގޮތަށް ކަމަށާއި އެއީ އެކަން ކުރެވެން ޖެހޭ ގޮތް ނޫން ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވަމުން މުހައްމާ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ރައީސް ޔާމީނަށް ރައްޔިތުންގެ ލޯބި ނުހޯދުނު ކަމަށާއި، ފެންނަ ފެނުމަށް މި ވެރިކަން ގިނަ ދުވަހަކަށް ދެމިގެން ނުދާނެ ކަމަށެވެ. އަދި ރައްޔިތުންނަށް މި ސަރުކާރުން އަނިޔާވެރިވަމުން އަންނަ ކަމަށް މުހައްމާ ވިދާޅުވިއެވެ.
މުހައްމާ މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައެެވެ. ރާއްޖޭން ބޭރުގައި ހުންނަވައިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި އެކު ނެންގެވި ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ.