Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ޤާސިމަށް ރާއްޖޭން ބޭރަށް ފުރޭނެ ގޮތް ހަދައިދީ: އާއިލާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޕާސްޕޯޓް ދޫކޮށްދެއްވައި ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ފުރޭނެ ގޮތް ހަމަޖައްސަވައި އްވުމަށް އެމަނިކުފާނުގެ ޢާއިލާއިން އެދިއްޖެ އެވެ.

ޤާސިމް އިބްރާހީމްގެ ޢާއިލާ އިން ރޭ ނެރުނު ނޫސްބަޔާނުގައި ޤާސިމް އިބްރާހީމްގެ ޕާސްޕޯޓް ހިފަހައްޓައި އެމަނިކުފާނާއި ދިމާވެފައިވާ ޞިއްޙީ ގޮތުން ނުރައްކާތެރިކަން ބޮޑު ޙާލަތަށް ބޭސްފަރުވާ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން މަނާކުރާ ގޮތަށް ކޯޓުން ކޮށްފައިވާ އަމުރާއިމެދު ޢާއިލާގެފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ބަޔާނުގައި ޤާސިމް އިބްރާހީމް އާއިމެދު އިންސާނިއްޔަތާއި ޚިލާފު އަމަލު ނުކުރެއްވުމަށާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން އެމަނިކުފާނާއިމެދު ކަންތައް ކުރެއްވުމަށާއި އެމަނިކުފާނުގެ ޕާސްޕޯޓު ދޫކޮށްދެއްވުމަށް ވަނީ ގޮވާލާފައެެވެ.

ޖުލައި 16 ވަނަ ދުވަހު އެމަނިކުފާނު ކުއްލި އާލާސްކަންފުޅެއްގެ ސަބަަބުން މެޑިކާގައި އެޑްމިޓްކުރުމުން ފަރުވާ ދެއްވި ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ ކުރަންޖެހޭ ތަހްލީލްތައް ކުރުމަށާއި ބޭސްފަރުވާއަށް ތަޖުރިބާހުރި ބޭރުގެ ހޮސްޕިޓަލަކަށް ގެންދިއުމަށްކަމަށް ވެސް މިބަޔާނުގައި ވެއެވެ.

16 ޖުލައި ދުވަހުގެ ރޭ 20:00 ގައި އެއާޕޯޓަށް ވަޑައިގަތުމުން އިމިގްރޭޝަނުން އެމަނިކުފާނަށް އަންގާފައިވަނީ އެދުވަހުގެ މެންދުރުން ފެށިގެން ފުރާވަޑައިގަތުން މަނާކޮށްފައިވާތީ ރާއްޖެއިން ބޭރަށް ފުރާވަޑައިގަރުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.

ޖިނާޢީ އިޖުރާތުގެ ޤާނޫނުގެދަށުން މީހެއްގެ މައްޗަށް ފުރުން މަނާކޮށް އަމުރެއް ނެރެފައިވާނަމަ އެކަން ވީ އެންމެ އަވަހަކަށް އެމީހަކަށް އަންގަން ޖެހެއެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ޤާސިމް އިބްރާހިމް ފުރުން މަނާކޮށް ނެރުނު އަމުރުގެ ލިޔުންތައް ޤާސިމްގެ ވަކީލުންނާއި ހަވާލުކޮށްފައިވަނީ 16 ޖުލައި ދުވަހުގެރޭ 21:34 ގައެެވެ.

ޤާސިމް އިބްރާހީމް އަކީ ވަކި ބަލިތަކަކަށް ބޭސްކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށްވެސް އާއިލާއިން ނެރުނު ބަޔާނުގައި ވެއެވެ.