ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގައި ދައުލަތުން ޓެރަރިޒަމް ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއަ ޖެނެރަލް (ރިޓަޔަޑް) އިބްރާހިމްދީދީގެ މައްސަލަ މިއަދު ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.
އިބްރާހިމް ދީދީގެ މައްޗަށް އުފުލާފައިވާ ދައުވާގެ ލިޔެ ކިއުން އިއްޔެ ކޯޓުން ވަނީ އިބްރާހިމް ދީދީ އާއި ހަވާލުކޮށްފައެވެ. އަދި މިއަދު ހެނދުނު 14:30 ގައި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.
މި މައްސަލަ އާއި ގުޅިގެން 2015 ވަނަ އަހަރު އިބްރާހިމް ދީދީގެ މައްޗަށް އުފުލި ދައުވާ ޕީޖީން ވަނީ އަނބުރާ ގެންގޮސްފައެވެ. އެފަހަރު ބުނެފައިވަނީ ދައުވާ ދިރާސާ ކުރުމަށް އަނބުރާ ގެންދިޔައީ ކަމަށެވެ.