ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ހުރަސް އެޅުމުގެ ގޮތުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމަކީ މަސީހު އާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ސަލާމަތްވީ ކަމަށްވީ ކަމަށް ދެކުމަކީ ކުށް ހީއެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފާރިސް މައުމޫން ހައްޔަރު ކުރުމާއި ގުޅިގެން "ރާއްޖެޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބީވެއްޖެކަން ދާދި އަވަހަށް އެމަނިކުފާނަށް އެނގިގެން ދާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ފާރިސް މައުމޫން ހައްޔަރުކުރި ވަގުތު ރާއްޖޭގައި ހުންނެވުނު ނަމަ ހުންނަވާނީ އެމަނިކުފާންގެ އަރިހުގައި ކަމަށެވެ.

ނަޝީދު އާއި ސިޔާސީ ގޮތުން އެންމެ ވާދަވެރިކޮށް ހުންނެވި ރައީސް މައުމޫން އާއި އެމަނިކުފާންގެ ދަރިދަރިކަލުންނާއި ރައީސް ނަޝީދު އާއި ދެމެދު ކުރިން އޮތް ސިޔާސީ ނުތަނަވަސްކަން މިހާރު ވަނީ އެކުވެރިކަމަކަށް ބަދަލުވެފައެވެ.
ފާރިސް ހައްޔަރު ކުރުމާއި ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސް އަކީ ހިތްވަރު ގަދަ ބޭފުޅެއް ކަމަށާއި ބިރެއް ނުގަންނާނެ ކަމަށެވެ.