ތިން ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ފާރިސްގެ އެޕާޓްމަންޓް ފާސްކޮށް އެތަނުން ބައެއް ސާމާނު ގެންދިޔައިރު އޭގެ ތެރޭގައި ޕެންޑްރައިވެއް ހިމެނޭކަން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވެސް ވަނީ މީޑިޔާގައި ވިދާޅުވެފައެވެ.
ފާރިސްގެ އެޕާޓްމަންޓުން ފުލުހުންގެ ތަހުގީގަށް ޕެންޑްރައިވެއް ގެންގޮސްފައި ވާއިރު، 2015 އަހަރުގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ އެޕާޓްމަންޓު ފާސްކުރުމަށް ފަހު ވެސް ޕެންޑްރައިވެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ނާޒިމްގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި އިރު، ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ކަމަށް ފުލުހުނ ބުނި ޕެންޑްރައިވްގައި ހުރި މައުލޫމާތު ތަކެއް ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިއެވެ.
އެ ޕެންޑްރައިވް ގައި ހުރި ލިޔުންތަކެއްގެ ސޯޝަލް މީޑިޔާގައި ދައުރު ވެފައިވާއިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ލިޔުމަކީ ސަރުކާރުގެ އިސްބޭފުޅުން “ދެޓީމަކަށް” ބައްސަވައިގެން ކުރަހާފައިވާ "ސިނޭރިއޯ" ޖަހާފައިވާ ޗާޓެވެ. މި ޗާޓުގައި ސަރުކާރު ދެޓީމަކަށް ބަހާފައި ވާއިރު އެއްޓީމްގެ އިސް ބޭފުޅަކަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއެވެ. އަނެއް ޓީމްގެ އިސް ބޭފުޅަކަށް ހުންނެވީ ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްއެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ، ނާޒިމްގެ ޓީމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަޤާމުން ދުރުކުރެވި ،ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލައި، ޖަލަށް ވެސް ލެވިފައިވާ ކަމެވެ.
މިހާރު އުފެދޭ ސުވާލަކީ، ފާރިސް މައުމޫންގެ އެޕާޓްމަންޓުންު ފުލުހުން ގެންދިޔަ ޕެންޑްރައިވްގައި ފާރިސް "ރިޝްވަތުގެ ފައިސާ" ބެއްސެވި ގޮތުގެ ސިނާރިއޯ ޗާޓެއް ނުހިމެނޭނެ ބާވައެވެ؟ ނުވަތަ ފާރިސް ހުށަހެޅުއްވި "ރިޝްވަތު" ނެންގެވި މަޖިލިސް މެންބަރުންގެ ނަން ހިމެނޭ "އެކްސެލް" ފައިލެއް ވެސް ހުރެދާނެ ހެއްޔެވެ؟
ދިވެހިރާއްޖޭގައި ފަހުގެ ތާރީޚު ތަކުގައި ކުރިއަށް ދިޔަ ސިޔާސީ ބޭފުޅުންގެ ޝަރީޢަތްތަކަށް ބަލާއިރު، ޕެންޑްރައިވް މިއީ ރާއްޖޭގެ ސިޔާސީ މަޝްރަަޚުގައި ވަރަށް ބޭނުންތެރި އެއްޗެކެވެ ސިޔާސީ ފަރާތްތަކުން "ޕްލޭން" ތައް ހެދުމަށް ފަހު "މުހިއްމު" މައުލޫމާތު ރައްކާކުރުމަށް ޕެންޑްރައިވް ގެންގުޅެނީ ކަމެއް ނުވަތަ އެފަރާތްތައް "ފްރޭމްކުރުމަށް" ޕެންޑްރައިވް މުހިއްމު ދައުރެއް އަދާކުރަނީ ކަމެއް ނޭނގެއެވެ.