ވަކި އާއިލާގެ މެމްބަރަކަށް ވީތީ ގާނޫނުގެ ކުރިމަތީގައި ތަފާތުކަމެއް މިސަރުކާރުން ނުގެންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވެއްޖެއެވެ.
މިސަރުކާރުގެ ކޮންމެ ނިންމުމެއް އެންމެ ފުރަތަމަ ދިފާއުކޮށް ވާހަކަ ދައްކަވާ ވަޒީރު މިފަހަރު މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކުރުމާއި ގުޅިގެން ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް ބަންޑުން ކޮށްލުމާއި ގުޅިގެންނެވެ.
ޝައިނީ ވިދާޅުވެފައިވަނީ އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއް ނެތި ވަކި އާއިލާއަކަށް، ވަކި ޝަޚުސިއްޔަތަކަށް ބެލުމެއް ނެތި، މިސަރުކާރުން އަމަލުކުރާނެ ކަމަށާއި ހަގީގީ ޑިމޮކްރެސީއަކީ އެއީ ކަމަށެވެ.
މިއަދު ކޯޓު އަމުރެއްގެ ދަށުން ފާރިސް މައުމޫންގެ ގެ ފާސްކުރުމަށްފަހު އޭނާ ހައްޔަރުކޮށްފައިވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ ފާރިސް ހައްޔަރުކުރީ ގާނޫނީ އިމުގެ ތެރެއިންތޯ ސުވާލުކޮށްފައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރު ކޮށްފައިވާއިރު އޭނާ ވަނީ މީގެ ކުރިންވެސް ފުލުހުން ކުރި ތުހުމަތުތައް ދޮގުކޮށް، ހެއްކެއްވެސް ނުފެންނާނެ ކަމަށް ވިދާޅުވެފައެވެ.
ޑރ. ޝައިނީ މިސަރުކާރުން އެއްވެސް ފަރާތަކާމެދު ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ވިދާޅުވިނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވަނީ "ފައިސާ ގޯނި ހިފައިގެން" މެމްބަރުން ކައިރިއަށް ގޮސްފައި ކަމަށް މަޖިލީހުގެ ތަޅުމުގައި އިއުތިރާފްވެފައެވެ. އަދި އެއަށްފަހު އޭނާ ވަނީ ޓީވީ ޕްރޮގްރާމެއްގައިވެސް އެވާހަކަ ތަކުރާރުކޮށްފައެވެ. ނަމަވެސް މިހާތަނަށް މުހައްމަދު އިސްމާއިލްގެ މައްޗަށް ތަހުގީގެއް ކުރެވި ފިޔަވަޅެއް އެޅިތަނެއް ފެނިފައެއްނުވެއެވެ.