ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މިމަހުގެ 24 ވަނަ ދުވަހަށް ތާވަލްކޮށްފި ކަމަށާއި އެދުވަހު ހުރިހާ މެމްބަރުންވެސް މާލޭގައި ތިއްބެވުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު އެ ޕާޓީގެ މެމްބަރުންނަށް އަންގައިފިއެވެ.
މަސީހުގެ މައްސަލަ 24 ވަނަ ދުވަހަށް ތާވަލް ކުރި ކަމަށާއި އެދުވަހު މާލޭގައި ތިއްބެވުމަށް ނިހާން މެމްބަރުންނަށް އެންގެވި ނަމަވެސް އަދި މަޖްލިސްއިން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.
މަސީހުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް 45 މެމްބަރުންގެ ސޮޔާއި އެކު ހުށަހެޅި ނަމަވެސް އޭގެ ތެރެއިން އެއް މެމްބަރަކުވަނީ ސޮއި އަނބުރާ ގެންދަވާފައެވެ. މަސީހުގެ މައްސަލަ މަޖްލިސްއަށް ފުރަތަމަ ހުށަހެޅީ ޕީޕީއެމްގެ 10 މެމްބަރުންގެ ސޮޔާއިއެކުއެވެ. އެ މެމްބަރުން ފަހުން ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އިގްބާލު އާދަމް އިއްޔެ ވަނީ އެމެމްބަރުންގެ ސޮއި އަނބުރާ ގެންދެވުމަށް އަންގަވާފައެވެ. ނަމަވެސް އެއްވެސް މެމްބަރަކު ސޮއި އަނބުރާ ގެންދަވާފައި ނުވެއެވެ.
މަޖްލިސްގެ ރައީސް ކަމުން މަސީހު ބޭރު ކުރާނެކަމަށް އިދިކޮޅު މެމްބަރުން ބުނަމުން އަންނައިރު ސަރުކާރު ހިންގާ ޕާޓީން ދަމަހައްޓަމުން ދިޔަ މަޖްލިސްގެ މެޖޯރިޓީ ވަނީ ގެއްލިފައެވެ.