ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހުންނަށް ޏ. ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 8:45 ހާއިރު ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު ދަނޑިމަގު ފްލެޓާއި ދިމާލުން ރުކެއްގައި ޖެހިގެންނެވެ. މިހާދިސާގައި ކާރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި މީހަކު "އައްޑޫލައިވް"އަށް ބުނީ ކާރު ބާރު ސްޕީޑެއްގައި ގޮސް ކޮންޓްރޯލް ނުކުރެވި އޮތީ ދެ ރުށް ދޭތެރޭ ތާށިވެފައި ކަމަށެވެ.
އޭނާ ބުނި ގޮތުގައި މި ހާދިސާ އަކީ ފުވައްމުލަކުން ގެއްލިގެން ހޯދަމުން އަންނަ ޝަފީއު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ބަޔަކު ދުއްވި ކާރެކެވެ.
މިހާދިސާ ހިނގި ވަގުތު ކާރުގައި 5 މީހުން ތިބިކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.