ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅު ޕާޓީތަކުގެ އިސްވެރިންނާއި އެކު ބައްދަލު ކުރައްވަމުން އެބަގެންދަވައެވެ.
ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒްގައި ރައީސް މައުމޫން އިދިކޮޅު އިއްތިހާދުވެ އިސް ވެރިންނާއި ބައްދަލު ކުރައްވަމުން ގެންދަވަނީ އެމަނިކުފާންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މިއަދު ފުލުހުން ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައި ވަނިކޮށެވެ.
މައުމޫންގެ މި ބައްދަލުވުމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅި މެމްބަރުންނާއި ދާދި ފަހުން ޕީޕީއެމްއިން ވަކިވި މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމަށްފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފާރިސް މިއަދު ހައްޔަރުކޮށްފައިވަނީ މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު ބޭރުކުރުމަށް މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައެވެ. ފާރިސް ވަނީ އެތުހުމަތު މީގެ ކުރިން ދޮގު ކުރައްވާފައެވެ.