ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ހަތަރު މަޖިލިސް މެމްބަރަކު އެ ޕާޓީން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.
ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް އަބްދުﷲ ޔާމީން ވަނީ އެ ޕާޓީގެ ކައުންސިލް މެންބަރުންނަށް މިކަން އަންގަވާފަައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމް އިން ވަކިކޮށްފައިވާ މަޖިލިސް މެންބަރުންނަކީ، މަޑުއްވާރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތުއާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހީމާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ.
މި ހަތަރު މެންބަރުންގެ ތެރެއިން، ލަތީފު ފިޔަވައި އެހެން ހުރިހާ މެންބަރުންނަކީ ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅުންނެވެ. ލަތީފު މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވީ އަމިއްލަ ގޮތުން ވާދަކުރައްވައިގެންނެވެ.
ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމެއްގައި ބުނެފައިވަނީ، އެ ހުކުމް ކުރި ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން ވަކިވުން ނުވަތަ އަމިއްލައަށް ޕާޓީން ވަކިވުން ނުވަތަ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.