އައްޑޫ ސިޓީގައި އަމާން ވެށްޓެއް ޤާއިމްކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ދައުލަތުގެ މުއައްސަސާތަކަށް އިލްތިމާސްކޮށްފި އެވެ.
ކައުންސިލްގެ ފަރާތުން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ، މި ފަހަކަށް އައިސް އައްޑޫގައި، ކާރުތަކުގައި ހުޅުޖެހުން އިތުރުވެފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.
"ރައްޔިތުންގެ އަގު ބޮޑު މުދާތަކަށް އެއްވެސް ޖެހިލުމެއްނެތި ގެއްލުންދެމުންދާ މައްސަލައަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ. (…) ރައްޔިތުން މި ފަދަ ބިރުވެރިކަމުން ސަލާމަތްކޮށް އަމާން މާހައުލަކަށް ނޭވާލުމުގެ މަގު ތަނަވަސްކޮށްދެއްވުމަށް ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކަށް އިލްތިމާސް ދަންނަވަމެވެ."
ކައުންސިލްގެ ބަޔާނުގައި ވަނީ، ސިލްސިލާ ގޮތެއްގައި ރައްޔިތުންގެ މުދަލަށް ގެއްލުން ދެމުންދާތީ ރައްޔިތުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން ފެތުރިފައި ވާތީ، އައްޑޫގެ އަމާންކަން ގާއިމުކުރުމުގެ މަސައްކަތް ހަރުދަނާކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އައްޑޫގައި އަމާން ވެށްޓެއް ގާއިމުކުރުމަށް ފުލުހުން ކުރާ މަސައްކަތަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ކައުންސިލްގެ ފަރާތުން ދޭނެ ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައި ވެއެވެ.