Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ފާރިސްގެ ވީޑިއޯ ރިކޯޑަރު ފުލުހުން އަތުލައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫންގެ ގޭގައި ހުރި އެމަނިކުފާނުގެ ޑިޖިޓަލް ވީޑިއޯ ރިކޯޑަރު ހޯދުމަށް ފުލުހުން ކޯޓު އަމުރަކާއެކު އެގެއަށް ގޮސްފިއެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ފާރިސްއާއި ދެކޮޅަށް ކޮށްފައިވާ ރިޝްވަތުގެ ތުހުމަތަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ. ޑީވީއާރު ހޯދުމަށް ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ބަޔާންކޮށްފައިވަނީ އިންޓެލިޖެންސް ސިއްރު މައުލޫމާތާއި ހެއްކެއްގެ ހެކިބަސް އަދި ފާރިސްގެ ފޯނުން ފެނިފައިވާ މެސެޖުތަކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކުރިން މެމްބަރުންނަށް ރިޝްވަތުދިން ކަމުގެ ތުހުމަތުގައި އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ފާރިސް ހައްޔަރުކޮށްފައެވެ.

ނަމަވެސް ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާއި އެއްގޮތަށް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ އަޑުއުފުލައި، ސަރުކާރަށް ފާޑުކިޔާފައެވެ.