ދިވެހި ރައްޔިތުންގެ ހައްގުގައި ގުރުބާންވާން ޖެހުނަސް ސާބިތުކަމާއެކު ހުންނާނެ ކަމަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމްދީދީ ވިދާޅުވެއްޖެ އެވެ.
އިބްރާހިމްދީ މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ބައިވެރިވުމަށް ކްރިމިނަލް ކޯޓަށް ވެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށްފައެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ދެވަނަ ފަހަރަށް އިބްރާހިމްދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެއެވެ. އޭރު އޭނާ ހުންނެވީ އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޮމާންޑަރުގެ މަގާމުގައެވެ.

މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް އިބްރާހިމްދީ ވަނީ ހާޒިރުކުރުމަށްފަހު ދައުވާއާ ގުޅޭ ލިޔެކިޔުންތައް ހަވާލުކޮށްފައެވެ. އޭނާ ވަނީ މީގެކުރިން ދަންޖެއްސިޔަސް ރައްޔިތުންގެ ހައްގުގައި ސާބިތުކަމާއެކު ހުންނާނެ ކަމަށް ވިދާޅުވެފައެވެ.