ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ މެމްބަރުން ތަމްސީލު ކުރައްވާ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި، އެ ހަތަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ހަތަރު ދާއިރާއަކީ ވިލިނގިލި ދާއިރާ އާއި ދިއްދޫ ދާއިރާ އާއި ތުލުސްދޫ ދައިރާގެ އިތުރުން މަޑުއްވަރީ ދާއިރާއެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމާއެކު ގޮނޑި ގެއްލިފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.
ހަތަރު މެމްބަރުން ޕީޕީއެމްއިން ވަކިކޮށްފައިވާއިރު އެ ހަތަރު މެމްބަރުންވެސް ވަނީ ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ކުރިން ޕާޓީން ވަކިވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން މި ހަތަރު މެމްބަރުން ތަމްސީލު ކުރައްވާ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވާއިރު މަޖިލީހުގެ އަމީން އާންމު މިއަދު ހެނދުނުގެ ވަގުތެއްގައި ވިދާޅުވެފައިވަނީ އެއްވެސް ފަރާތަކުން މަޖިލީހަށް މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަން އަންގާފައި ނުވާ ކަމަށެވެ.