ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ޖަލްސާ ނުބޭއްވުމަށް ނިންމާފައިވަނިކޮށް 29 މެމްބަރުންގެ ސޮޔާއެކު ޖަލްސާއެއް ބޭއްވުމަށް ހުށައެޅުމަށް އިދިކޮޅު އެމްޑީޕީން ތައްޔާރުވާން ފަށައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ އެމްޑީޕީން 29 މެމްބަރުންގެ ސޮއި ހަމަކޮށް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހުށައަޅާނެ ކަމަށެވެ.
އިބޫ ވަނީ ރޭ ރައީސް ޔާމީން މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާއެއް ނޯންނާނެ ކަމަށް ވިދާޅުވުމުން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިބޫ ވިދާޅުވެފައިވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ރައީސުލްޖުމުހޫރިއްޔާއަކަށް މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހޭ ތާރީޚާއި ނުބާއްވަން ޖެހޭ ތާރީޚު ނޭންގޭނެ ކަމަށެވެ.
އަދި މަޖިލީހުގެ ގަވާއިދަކީ އެއް ބާރުން އަނެއް ބާރަށް ނުފޫޒު ނުފޯރުވޭ ގޮތަށް ހަދާފައިވާ ގަވާއިދެއް ކަމަށާއި މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް އަމަލު ކުރުމަކީ މަޖިލީހުގެ ރައީސަށް ލާޒިމު ކަމެއް ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.