Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މެމްބަރުންގެ ހައްގުގައި ރައްޔިތުން އިހުތިޖާޖު ކުރަން ޖެހޭ: ޝިފާޒް

މިއަދު އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ މެމްބަރުންގެ ގޮނޑި ގެއްލި، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމި ނިންމުމާ ގުޅިގެން، އެދާއިރާތަކުގެ ރައްޔިތުން މެމްބަރުންގެ ހައްގުގައި އިހުތިޖާޖު ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޝިފާޒް ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމި ކަމުގައި ވިޔަސް އެމެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.

އެމްޑީޕީގެ މެމްބަރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރުވިޔަސް، މިސަރުކާރާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި ރައީސް ޔާމީނަށް މެމްބަރުން ނުހުއްޓުވޭނެ ކަމަށް ޝިފާޒް މިރޭ އެޕާޓީން ބާއްވަމުންދާ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ހަތަރު ދާއިރާއެއްގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައި މަޖިލީހަށް އެކަން އަންގާފައިވާއިރު އެ ހަތަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.