މާލޭގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީގެން ޒަހަމްވި ދެމީހަކު މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި ދެ ސަރަހައްދެއްގައި މިރޭ ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ފުލުހުން ބަލަމުން އަންނަކަމަށެވެ.
ފުލުހުން ބުނީ ރޭގެ ފުރަތަމަ ހާދިސާ ހިނގާފައިވަނީ މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުން ކަމަށެވެ. އަދި ދެވަނަ ހާދިސާ ހިނގާފައިވަނީ އެލްސިއޯން ބޭކަރީ ކައިރިން ކަމަށެވެ.
މާލޭގައި މާރާމާރީ ހިނގުން އާއްމުވެފައިވާ އިރު ފާއިތުވި ހަފްތާ ތެރޭގައިވެސް ތަފާތު މާރާމާރީގެ ހާދިސާ މާލޭގެ އެކި ސަރަހައްދުން ހިނގާފައިވެއެވެ. ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހަމަނުޖެހުން ހިންގުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަަމަށާއި އެކަން ހުއްޓުވާނެކަމަށެވެ.