Last Updated: April 20, 11:14
Saturday, April 20, 2024
ރިޕޯޓް

މުރަނގަފަތް ކޮންމެހެން ވެސް ކާންވާނެ

1. ނިއުޓްރިޝަން

މުރަނގަފަތުގައި ގިނަ އަދަދަކަށް ވިޓަމިންސް އާއި މިނަރަލްސް އެކުލެވިގެންވެއެވެ. އެގޮތުން އެއް ޖޯޑް (21 ގްރާމް) މުރަނގަ ފަތުގައި ތިރީގައިވާ ވިޓަމިންއާއި މިނިރަލްސް އެކުލެވިގެންވެއެވެ.

  • ޕްރޮޓީން: 2 ގްރާމް
  • ވިޓަމިން ބީ6: ދުވާލަކަށް ބޭނުންވާ މިންވަރުގެ 19%
  • ވިޓަމިން ސީ: ދުވާލަކަށް ބޭނުންވާ މިންވަރުގެ 12%
  • އަޔަން: ދުވާލަކަށް ބޭނުންވާ މިންވަރުގެ 11%
  • ރައިބޯފްލޭވިން (ބީ2): ދުވާލަކަށް ބޭނުންވާ މިންވަރުގެ 11%
  • ވިޓަމިން އޭ (ބީޓާ ކެރޮޓިން އިން): ދުވާލަކަށް ބޭނުންވާ މިންވަރުގެ 9%
  • މެގްނީސިއަމް: ދުވާލަކަށް ބޭނުންވާ މިންވަރުގެ 8%

2. އެންޓިއޮކްސިޑެންޓްސް

އެންޓިއޮކްސިޑެންޓް އަކީ ހަށިގަނޑުގައި ހުންނަ ފްރީ ރެޑިކަލްތަކާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާތަކެކެވެ. ގިނަ އަދަދަކަށް ފްރީ ރެޑިކަލް ހުރުމަކީ ހިތުގެ ބައްޔާއި ހަކުރު ބަލި ފަދަ ދާއިމީ ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ. މުރަނގަ ފަތުގައި ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންޓްތައް ހުންނަކަން ވަނީ ހޯދިފައެވެ. ވިޓަމިން ސީ އާއި ބީޓާ ކެރޮޓިންގެ އިތުރުން ބްލަޑް ޕްރެޝަރު ދަށްކޮށްދޭ މާއްދާއެއް ކަމަށްވާ ކުއާސެޓިން އާއި ހަކުރު ލެވެލްތައް ރަނގަޅު މިންވަރެއްގައި ދަމަހައްޓައިދޭ ކްލޮރޮޖީނިކް އެސިޑް ވެސް މުރަނގަ ފަތުގައި ހުރެއެވެ.

3. ހަކުރު

ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި މުރަނގަ ފަތަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ހަކުރު މަތިވުމަކީ ހިތުގެ ބަލިތައްފަދަ ވަރަށް ސީރިއަސް ސިއްޙީ މައްސަލަތައް ކުރިމަތި ކުރުވާ ކަމެކެވެ. އެހެންކަމުން ހަކުރު ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

4. އިންފްލެމޭޝަން

އިންފްލެމޭޝަން އަކީ އަނިޔާއެއް ލިބުމުން ނުވަތަ އިންފެކްޝަނެއް ޖެހުމުން އެކަމަކުން ހަށިގަނޑު ދިފާއުކޮށްދޭ ނިޒާމެކެވެ. އިންފްލެމޭޝަންގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ތަދުވުން، ދުޅަވުން، ހޫނުވުން އަދި ރަތްވުން ހިމެނެއެވެ. މާގިނަ ދުވަހު މި މައްސަލަ ރަނގަޅުނުވެ ކުރިއަށް ދިއުމަކީ ވަރަށް ބޮޑު ސިއްޙީ މައްސަލައެކެވެ. ދުވަސްވީ އިންފްލެމޭޝަން އަކީ ހިތުގެ ބައްޔާއި ކެންސަރުފަދަ ދާއިމީ ބަލިތަކަށް މަގުފަހިކުރާ ކަމެކެވެ. އެގޮތުން މުރަނގަ ފަތަކީ އެންޓި-އިންފެލެމޭޓަރީ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ.

5. ކޮލެސްޓްރޯލް

ލޭގައި ގިނަ އަދަދަކަށް ކޮލެސްޓްރޯލް ހުރުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ. ވަރަށް ގިނަ ގަސްގަހާގެހީގައި ކޮލެސްޓްރޯލް ދަށްކޮށްދޭ މާއްދާތަކެއް އެކުލެވިގެންވެއެވެ. އެގޮތުން މުރަނގަ ފަތަކީ ވެސް ކޮލެސްޓްރޯލް ލެވެލްތައް ދަށްކޮށްދޭ އެއްޗެކެވެ.

6. އާސީނިކް ވިހަ

އާސީނިކް އަކީ ވިހަ މާއްދާއެކެވެ. ކާބޯތަކެއްޗާއި ފެން އާސީނިކް އިން ތަޣައްޔަރުވާ މައްސަލައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެންމަތިވެފައިވާ މައްސަލައެކެވެ. ކާއެއްޗެހީގައި ނުވަތަ ފެނުގައި އާސީނިކް ހުރުމުން ވިހަވުމުގެ އަލާމާތްތައް ވަގުތުން ނުފެނުނު ކަމުގައިވިޔަސް، ދިގު މުއްދަތަކަށް އާސީނިކް ހަށިގަނޑުގައި ހުރުމަކީ ސިއްޙީ މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެކެވެ.

ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ދިގު މުއްދަތަކަށް އާސީނިކް އާއި ގުޅިފައި ހުރުމަކީ ކެންސަރާއި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އިތުރުކުރާ ކަމެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި މުރަނގަ ފަތަކީ އާސީނިކްގެ ވިހައިން ކުރިމަތިވާ ބައެއް މައްސަލަތަކުން ހަށިގަނޑު ދިފާއުކޮށްދޭ އެއްޗެކެވެ.